02 Sep 2016, 15:52
ވޮޝިންޓަން(ސެޕްޓެމްބަރ 2): ނަވާރަސަތޭކާ ނުވަދިހައިގެ އަހަރުތަކުގައި މެލާނިއާ ޓްރަމްޕް ހަށިވިއްކާފައި ކަމަށް ބުނުމުން އިނގިރޭސިވިލާތުގެ ޑެއިލީ މެއިލް އާއި އެމެރިކާގެ ބްލޮގަރެއްގެ މައްޗަށް މެލާނިއާ އަބުރުގެ ދައުވާ ކުރައްވައިފިއެވެ.
ޑެއިލީމެއިލްގައިވާ ގޮތުން މީގެ ކުރިން މެލާނިއާ މަސައްކަތް ކުރެއްވި ނިއުޔޯކުގެ އެއް މޮޑެލިން އޭޖެންސީއަކީ "މުއްސަނދި މީހުންނަށް ހަށިވިއްކާ އޭޖެންސީއެކެވެ. އަދި އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަމުން ގެންދަވާ ޑޮނަލްޑް ޓްރަމްޕާއި މެލަނިއާއާ ބައްދަލުވީ ރިޕޯޓުކޮށްފައިވާ ވަރަށް ވުރެ މާކުރިންނެވެ. މެލާނިއާގެ އުފަންރަށް ސޮލޮވީނިއާގެ މެގަޒިން އަކަށް ހަވާލާދީ ލިޔެފައިވާ ހަބަރު އެހެން ބައެއް ނޫސްތަކުން ވަނީ ފަތުރާފައެވެ.
އަދި އެމެރިކާގެ ބްލޮގަރު، ވެބްސްޓާ ޓާޕްލޭ ވަނީ މެލާނިއާ ހަށިވިއްކިކަން އާއްމުންނަށް އެނގިދާނެތީ އޭނާ ބިރުން އުޅުއްވާ ކަމަށް ބުނެފައެވެ.
އެ ހަބަރު ފަތުރާ މީހުންގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމުގެ އިންޒާރު ދިނުމުން ގިނަ ނޫސްތަކުން ވަނީ ހަބަރު ނަގާފައެވެ.
ނަމަވެސް މެލާނިއާގެ ވަކީލު، ޗާލްސް ހާޑާ ވަނީ އެއީ ދޮގު ހަބަރުތައް ކަމަށް ވިދާޅުވެފައެވެ. އަދި އެ ހަބަރު ފެތުރުމުގެ ސަބަބުން މެލާނިއާއަށް ލިބުނު ގެއްލުމުގެ އަގު 150 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ހާޑާ ނެރުނު ބަޔާނެއްގައިވެއެވެ. (ބީބީސީ)