ފްރާންސުން އިޓަލީގެ މައްޗަށް 3-1 ލަނޑުން ކުރިހޯދި ބައިނަލްއަގްވާމީ އެކުވެރިކަމުގެ ފުޓްބޯޅަ މެޗްގައި ރެފްރީގެ ނިންމުމެއް ނިންމުމަށްޓަކައި ވަނީ ކާމިޔާބުކަމާއެކު ވީޑިއޯ ރިޕްލޭ ބޭނުންކޮށްފައެވެ. ފީފާއިން ފުރަތަމަ ފަހަރަށް ވީޑިއޯ ރިޕްލޭގެ އެހީގައި ރެފްރީގެ ނިންމުމެއް ނިންމުމަކީ، ވަރަށް ތާރީޚީ ކަމެއްގެ ގޮތުގައި އެ ޖަމިއްޔާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ސިފަކޮށްފައެވެ.

ބުރާސްފަތި ދުވަހު އިޓަލީގެ ބާރީގައި ކުޅުނު އެމެޗުގައި، ފްރާސްގެ ޕެނަލްޓީ އޭރިޔާ ތެރޭން އިޓަލީގެ ޑެނިއެލޭ ޑި ރޮސީ ބޮލުން ޖަހައި ފޮނުވާލި ބޯޅައެއް ފްރާންސްގެ ޑިފެންޑަރު ލޭވިން ކުރްޒަވާގެ އަތުގައި ޖެހުނުކަމަށް ބުނެ، އިޓަލީ ކުޅުންތެރީން މައްސަލަ ޖެއްސުމުން ރެފްރީ ވަނީ، މެޗުގެ ކުޅުން ކުޑަ ވަގުތުކޮޅަކަށް މެދު ކަނޑާލައި، ކަންހިނގިގޮތް ވީޑިއޯ ރިޕްލޭ މެދުވެރިކޮށް ބަލައިފައެވެ. އަދި ރެފްރީ ނިންމީ އެއީ ހޭންޑްބޯލްއެއް ނޫން ކަމަށެވެ.

އިންފަންޓިނޯ ވިދާޅުވީ، އެ މެޗުގެ ރެފްރީ ކުޑަ ވަގުތު ކޮޅަކަށް ކުޅުން މެދު ކަނޑާލުމަށްފަހު، ވީޑިއޯ ރިޕްލޭގެ އެހީގައި ވަރަށް ފަސޭހަކަމާއެކު ރެފްރީ ނިޔާ ކަނޑައެޅި ކަމަށެވެ.

އޭނާ ވިދާޅުވީ، މިއަހަރަކީ، ވީޑިއޯ ރިޕްލޭ ޓެސްޓްކޮށް އެއީ ކާމިޔާބު ކަމެއްތޯ ތަޖްރިބާކުރާންވީ އަހަރުކަމަށާއި، 2018 ވަނަ އަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑް ކަޕްގައި "ވީޑިއޯ އެސިސްޓެންޓް ރެފްރީން" ބޭނުން ކުރެވޭވަރު ވާނޭކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މި ސީޒަންގައި އޮސްޓްރޭލިއާގެ އޭ-ލީގް، ޖަރުމަނު ލީގު، ޕޯޗްގަލްގެ ބައެއް މުބާރާތްތައް، އެމެރިކާގެ މޭޖަރ ސޮކަރ ލީގު އަދި އިޓާލިއަން ލީގުގައި ވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ، ތަޖްރިބާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވީޑިއޯ ރިޕްލޭގެ އެހީގައި، ލަނޑުތަކާ މެދު ގޮތް ނިންމުމާއި، ޕެނަލްޓީ ދިނުމާއި، ކުޅުންތެރީންނަށް ކާޑު ދައްކައި ދަނޑުން ފޮނުވާލުން ފަދަ ބޮޑެތި ނިންމުންތަކުގައި މެޗުގެ އޮފިޝަލުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

ފުޓްބޯޅައިގައި މިހާތަނަށް ބޭނުުންކުރެވޭ ހަމަ އެކަނި ޓެކްނޯލޮޖީއަކީ، ގޯލްލައިން ޓެކްނޯލޮޖީއެވެ.

އިންފަންޓިނޯ، ވިދާޅުވީ، ފުޓްބޯޅައިގައި ޓެކްނޯލޮޖީ ބޭނުންކުރި ނަމަވެސް މެޗުތެރޭގައި ދިމާވާ ހުރިހާ ކަމަކަށް ހައްލު ހޯދުމަށް ޓެކޮނޯލޮޖީ ބޭނުން ނުކުރެވޭނޭ ކަމަށެވެ. އެގޮތުން މެޗުގެ ކުޅުމަށް އަސަރު ނުކުރާ ފަދަ ގޮތަކަށް، ރެފްރީއަށް އެހީތެރިވުމަށް ޓެކްނޯލޮޖީ ބޭނުންކުރާނީ، ބޮޑެތި ނިންމުންތަކުގައި އެކަނިކަަމަށް ވެސް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ރައީސް ވިދާޅުވިއެވެ.