ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ޕެނަލްޓީގައި ޗިލީ އަތުން ބަލިވި މެޗަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނު ކުރި، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، މުޅި ގައުމުގެ އެދުމަށް އޭނާގެ އެ ނިންމުން ބަދަލުކޮށް އާޖެންޓީނާއަށް ކުޅެދިން ފުރަތަމަ މެޗުގައި އެޓީމަށް ގޯލެއް ކާމިޔާބުކޮށް ގައުމު ހެއްވާލާފިއެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ ދެކުނު އެމެރިކާ ބައްރުގައި އާޖެންޓީނާ އާއި އުރުގުއޭ ބައްދަލު ކުރި މެޗު ނިމުނީ 1-0ގެ ނަތީޖާ އަކުން އާޖެންޓީނާ މޮޅުވެގެންނެވެ.

އާޖެންޓީނާގެ އަމިއްލަ ފަސްގަނޑުގައި ކުޅުނު އެ މެޗުގައި ދެ ޓީމްގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އިރު މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ގޯލު ފުރަތަމަ ހާފް ނިމެން ތިން މިނެޓަށް ވަފައި ވަނިކޮށް މެސީ ކާމިޔާބުކުރީ އުރުގުއޭ ޕެންލްޓީ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ އެއް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

އާޖެންޓީނާ އާއި އުރުގުއޭ ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ އަހަރުގެ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު އުރުގުއޭ ދަނޑުގައެވެ.

ދެކުނު އެމެރިކާ ސަރަހައްދުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ބޮލީވިއާ 2-0ގެ ނަތީޖާ އަކުން ޕެރޫ ބަލިކުރިއިރު ކޮލަމްބިއާ ވެސް ވަނީ ހަމަ އެ ނަތީޖާ އިން ވެނެޒުއޭލާ ބަލިކޮށްފައެވެ. ބްރެޒިލް އާއި އިކުއެޑޯ ކުޅުނު މެޗު 3-0ގެ ނަތީޖާ އަކުން ބްރެޒިލް މޮޅުވިއިރު، ޗިލީ ވަނީ 1-2ގެ ނަތީޖާ އަކުން ޕެރުގުއޭ އަތުން ބަލިވެފައެވެ.