ބޮލީވުޑްގައި ބަލަނީ އެމީހެއްގެ ކިބައިގައި ހުރި ހުނަރަށް ކަމަށާއި ނަސްލީ ތަފާތުކުރުން ނުގެންގުޅޭ ކަމަށް ހުނަރުވެރި އެކްޓަރު ނަވާޒުއްދީން ސިއްދީގު ބުނެފިއެވެ.

ނަވާޒުއްދީން އަކީ މިހާރު ބޮލީވުޑުގައި ހުރި އެންމެ ހުނަރުވެރި އެއް އެކްޓަރު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ނަވާޒުއްދީން ބުނީ، ހުނަރު ހުރެއްޖެ ނަމަ ފިލްމީ ދާއިރާ އިން ޖާގަ ލިބޭނެ ކަމަށެވެ.

"އަހަރެން ދެކޭގޮތުގައި ފިލްމީ ދާއިރާގައި ނަސްލީ ތަފާތު ކުރުމެއް ނެތް. ބޭނުންވަނީ ހުނަރު. ވަގުތު ނަގާފާނެ އެކަމަކު ހުނަރު ހުރި ނަމަ ފުރުސަތު ލިބޭނެ. މި ދާއިރާ އިން ފުރުސަތު ލިބުނީތީ އުފާކުރަން،" ނަވާޒުއްދީން ބުނެފައިވެއެވެ.

ނަވާޒުއްދީން ބުނީ، އޭނާ އަކީ އެންމެ މޮޅު މީހާ ކަމަށް ގަބޫލު ނުކުރާ ކަމަށާއި އަބަދުވެސް މަސައްކަތް ކުރަނީ އެންމެ ރަނގަޅު ހުށަހެޅުމެއް ދައްކައިދިނުމަށް ކަމަށެވެ.

"ގޭންގްސް އޮފް ވަސިޔަޕޫރް"، "ރާމަން ރާގަވް 2.0" އަދި "ކަހާނީ" ފަދަ ފިލްމުތަކުގައި މޮޅު އެކްޓިން އެއް ދައްކައިދީފައިވާ ނަވާޒުއްދީން މިހާރު ކުރަމުން އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ފްރީކީ އަލީ" ގެ ޕްރޮމޯޝަންގެ މަސައްކަތްތަކެވެ.

މުޅިން ވެސް ސީރިއަސް ރޯލުތަކުން ފެނިފައިވާ ނަވާޒުއްދީން "ފްރީކީ އަލީ" ގައި ކުޅޭނީ ކޮމެޑީ ރޯލެކެވެ.