ޒައީ ހައްޖު ޖަމާއަތުން ހައްޖަށް ގޮސް އުޅުނު ދިވެހި އަންހެނެއްގެ ވޮލެޓް 400 ޑޮލަރާއެކު ފޭރިގެންފި އެވެ.

ވައްކަންކޮށްފައި ވަނީ ޒައީ ހައްޖު ޖަމާއަތުން ހައްޖަށް ގޮސް އުޅުނު މެދު އުމުރުގެ އަންހެނެއްގެ އަތުންނެވެ.

އެ އަންހެން މީހާގެ އާއިލާ މެމްބަރަކު "ސަން"އަށް މިއަދު ބުނީ ވޮލެޓް ފޭރިގެންފައި ވަނީ ހަރަމުންފުޅުން މިއަދު މެންދުރު ނަމާދު ކުރުމަށްފަހު ހޮޓަލަށް ދިޔަ މަގުމަތިން ކަމަށެވެ. ވޮލެޓް ފޭރިގަތީ މޫނު ބުރުގާ އަޅައިގެން ހުރި އަންހެނަކު ކަމަށްވެ އެވެ.

ޒައީ ހައްޖު ޖަމާއަތުގެ ހައްޖުވެރިން ސައުދީގައި: އެ ޖަމާއަތުގެ ހައްޖުވެރިއެއްގެ އަތުން ވަނީ ފައިސާ ދަބަހެއް ފޭރިގެންފައި--

"ވާހަކަ ދައްކަން ހުރެފައި އަތްދަބަހަށް އަތް ކޮއްޕާލާފައި ވޮލެޓު ހިފައިގެން ދިޔައީ، ހަމަ ފޭރިގަތީ، އޭގައި ހުންނާނެ 400 ޑޮލަރު، އައިޑީކާޑް، ކޭޝް ކާޑް، ފޭރިގެންފައި އޭނާ ދިޔައީ މީހުން ތެރެއަށް ވަދެ ގަނެގެން،" އާއިލާ މެމްބަރު ބުންޏެވެ.

ފޭރުނު މީހާއަކީ ކާކުކަން ނޭނގޭއިރު ގެއްލުނު ތަކެތި އަދިވެސް ނުލިބެއެވެ.

ހައްޖު މޫސުމާއި ގުޅިގެން ވައްކަންފަދަ ކަންކަން ސައުދީގައި އާންމުވާތީ ހޮޓަލުން ބޭރަށްދާ ވަގުތު ފައިސާ ފަދަ ތަކެތި ނުގެންދިއުމަށް ޖަމާއަތްތަކުން އިލްތިމާސް ކުރެ އެވެ.