01 Jun 2011, 15:13
އައްޑޫ ސިޓީގައި ގަވައިދާ ހިލާފަށް މަސައްކަތްކުރަމުންދާ ބިދޭސީންގެ އުނދަގޫ ބޮޑުވެ، ރައްޔިތުން އެކަމާ ޝަކުވާ ކުރުމާ ގުޅިގެން އެ ބިދޭސީން ހޯދުމަށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 12 ބިދޭސީއަކު ހޯދައި، މާލެ ގެނެސްފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ 12 މީހުން ހައްޔަރުކުރީ އިމިގްރޭޝަނާ ގުޅިގެން ކަމަށާއި އެމީހުން މާލެ ގެނައުމަށް ފަހު މިހާރު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.
އިއްޔެ ހައްޔަރު ކުރި 12 މީހުންގެ އިތުރުން މިދިޔަ އޭޕްރިލް މަހުގެ 17 ވަނަ ދުވަހު ވެސް ގަވައިދާ ހިލާފަށް އައްޑޫ ސިޓީގައި މަސައްކަތްކުރަމުން ދިޔަ 18 މީހަކު ހައްޔަރުކޮށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އައްޑޫ ސިޓީން ވާހަކަ ދެއްކި މީހަކު ބުނެފައިފައި ވަނީ ފުލުހުން އެ އޮޕަރޭޝަނުގައި ހައްޔަރުކުރީ 18 މީހުން ކަމަށާއި "ހިއްވަރު" ބޯޓުން މާލެ ގެންދިޔަ މަގުމަތީގައި ފަސް މީހަކު ފިލާފައިވާ ކަމަށެވެ. އެމީހާ ބުނި ގޮތުގައި، އޭގެ ތެރެއިން ތިން މީހަކު ފިލީ އެ ބޯޓުން ގދ. ތިނަދޫގައި ބަނދަރުކުރުމުން އެ ރަށަށް ފައިބައިގެންގެންނެވެ. އަދި ދެން ތިބި ދެމީހުން ފިލީ ބޯޓު މާލޭގައި ބަނދަރުކުރި ފަހުން ކަމަށެވެ.
ނަމަވެސް ފުލުހުން އެކަން ކަށަވަރުކޮށެއް ނުދެ އެވެ.
އައްޑޫ ސިޓީގެ މޭޔާ އަބްދުﷲ ސޯދިގު ވިދާޅުވީ، ހައްޔަރުކޮށްގެން މާލެ ގެންދިޔަ ބަޔަކު ފިލާފައިވާކަމުގެ މައުލޫމާތު އޭނާ އަށް ވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އެއީ ކިތައް މީހުން ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އައްޑޫ ސިޓީގެ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ބައެއް ކުންފުނިތަކުން ބުނީ ގަވައިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން ގިނަކަމުން އެކުންފުނިތަކަށް މިހާރު މަސައްކަތެއް ނުލިބޭ ކަމަށާއި ކުންފުނިތައް ވަނީ ބަނގުރޫޓް ވުމުގެ މަގުމަތީގައި ކަމަށެވެ.
މޭޔަރު ސޯބެ ވެސް ވިދާޅުވީ ގާތްގަނޑަކަށް 3000 ބިދޭސީން އައްޑޫ ސިޓީގައި ގަވައިދާ ހިލާފަށް މަސައްކަތްކުރަމުންދާ ކަމަށް ބެލެވޭ ކަމަށެވެ. އޭނާ ވިދާޅުވީ އައްޑޫ ސިޓީގައި ގަވާއިދާ ހިލާފަށް ބިދޭސީން މިހާ ގިނައިން އުޅެމުން ދިއުމުގެ އެއް ސަބަބަކީ މާލެދަތުރުކުރާ ބޯޓް ފަހަރުން އެމީހުންނަށް ފަސޭހަ ކަމާ އެކު އައްޑޫ ސިޓީއަށް އާދެވެން އޮތުން ކަމަށެވެ.
އޭނާ ވިދާޅުވީ މާލެ ދަތުރުކުރާ ބޯޓްތަކުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަންނަ މައްސަލައަކީ ގިނަ ދުވަސްތަކެއް ވެފައިވާ މައްސަލައެއް ކަމަށެވެ.
"މާލޭން އަންނަ ކޮންމެ ބޯޓަކުން ވެސް ބިދޭސީން އަންނަމުންދޭ، އިހަށް ދުވަހު ގެންދިޔަ މީހުން ގެންދިޔަ ފަހުން މިހާރު 100 އަށް ވުރެ އިތުރަށް ނާންނަ ކަމެއް ވެސް ނޭނގެ." ސޯބެ ވިދާޅުވި އެވެ.
އައްޑޫ ސިޓީގެ ކޮންސްޓްރަކްޝަން ކުންފުންޏެއްކަމަށްވާ ނަފާ ކޮންސްޓްރަކްޝަންގެ ވެރިޔާ ބުނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އުނދަގޫ އައްޑޫ މީހުންނަށް ކުރިމަތިވެފައިވާތާ ހަ އެއްކަ އަހަރު ވެފައިވާ ކަމަށެވެ.
"އެމީހުން އެބަ ކުރޭ ހުރިހާ މަސައްކަތެއް ވެސް. އިމާރާތް ކުރުމުގެ މަސައްކަތުން ފެށިގެން ގޮސް ކުދިވިޔަފާރިއާއި ދަނޑުވެރިކަން ވެސް އެދަނީ އަމިއްލަ އަމިއްލައަށް ކުރަމުން،" އޭނާ ބުންޏެވެ.
އަދި އެހެން ކުންފުންޏެއްގެ މީހަކު ބުންޏެވެ؛ "މިތާ މިހާރު އެބައުޅޭ ގަވައިދާ ހިލާފަށް މަސައްކަތްކުރަމުންދާ 2000 އާއި 3000 އާ ދޭތެރޭގެ އަދަދަކަށް މީހުން. މިމީހުން މަސައްކަތްތައް ކޮށްދެނީ އާދަޔާ ހިލާފަށް އަގުހެޔޮކޮށް."
މާލެ އާއި އަތޮޅުތަކުގެ ތެރޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މިހާރު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު ލައްކައަކަށް އަރަން ވަނީ ކައިރިވެފަ އެވެ.