05 May 2010, 05:23
10:00
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އާއްމުކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމްކުރުމުގެ ޤާނޫނުގެ ދަށުން އެ ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑު އެކުލަވާލުމަށްޓަކައި އެ ބޯޑުގައި ހިމެނިވަޑައިގެންނަވަން ބޭނުންފުޅުވާ ބޭފުޅުން އެކަމަށް އެދި ހުށަހެޅުމުގެ މުއްދަތު އިއްޔެ އިން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގެންނަވާނީ ނުވަ މެންބަރުން ކަމަށާއި އެބޯޑަށް ކުރިމަތިލައްވާ ބޭފުޅުންގެ ނައްތައް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބައްލަވައި ދިރާސާކުރެއްވުމަށްފަހު، ބޯޑުގައި ހިމެނުމަށް އެންމެރަނގަޅުވެދާނެ، މީހުންގެ ނަންތައް އެ ކޮމިޓީން އާއްމުކޮށް އިއުލާން ކުރަންޖެހޭނެ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމްކުރުމުގެ ޤާނޫނުގައިވެ އެވެ. އަދި އެގޮތަށް އިއުލާންކުރެވޭ ފަރާތްތަކާއި ގުޅޭގޮތުން އެއްވެސް ކޮމެންޓެއް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ހުޅުވާލަންޖެހޭނެ ކަމަށްވެސް އެ ޤާނޫނުގައި ބުނެފައިވެ އެވެ.
ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގެންނަވާ ބޭފުޅުންނަކީ ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގެ ތަޖުރިބާ ހުރި އަދި ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްފައިވާ ބަޔަކަށް ވާންވާނެ ކަމަށްވެސް އެޤާނޫނުގައިވެ އެވެ.