01 Sep 2016, 19:41
ގއ. ވިލިގިނލީގައި ފެންބޮޑުވެ 69 ގެއަކަށް ފެންވަދެ، މަގުތަކަށް ނަޖިސް ބޭރުވުމުން ރަށުގައި ބަލިމަޑުކަމެއް އުފެދިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.
އިއްޔެއިން ފެށިގެން ހުއްޓުމެއް ނެތި ވިލިނގިއްޔަށް ވެހެމުންދާ ވާރޭގައި ރަށުގެ ބޮޑު ބައެއްގައި ވަނީ ފެންބޮޑުވެފަ އެވެ.
ވިލިގިލީ ކައުންސިލްގެ ރައީސް ނިޔާޒު ނިޒާރު "ސަން"އަށް މިއަދު ވިދާޅުވީ ރަށުގައި ފެންގަނޑު ބޮޑުވެ ރަށުގެ ނަރުދަމާ ނިޒާމު ފެއިލްވެގެން ރަށު ތެރެއަށާއި ގެތަކަށް ނަޖިސް ވަންނަމުންދާ ކަމަށެވެ. ގެތަކުގެ ފާހާނާތަކުން ވެސް ނަޖިސް ބޭރުވަމުންދާތީ ބައެއް ގެތަކުގައި މީހުން ނޫޅެވިގެން އެހެން ގެތަކަށް ބަދަލުވަމުން އަންނަ ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.

ވިލިގިލީގައި ފެންބޮޑުވެފައި--- ސަން ފޮޓޯ/ކިޔުންތެރިއެއް
"ރަށު ތެރެ ވަރަށް ހާލުގައި އޮތީ، މަގުތަކުގައި ނަޖިސް ވެސް އެބަ ހުރި ލީކްވެފައި، ފާހާނާ ކުރެވޭނެ ގޮތްވެސް ބައެއް ގޭގޭގައި ނެތް، ނަޖިސް ގޭތަކުގައި ހުރީމަ ކިހިނެއްތޯ ނިދާނީވެސް،" ނިޒާރު ވިދާޅުވި އެވެ.
ފެން ވަދެފައިވާ 69 ގެއެއްގެ ފަރުނީޗަރާއި ކާޑުގެ ބާވަތްތަކާއި ހިފާ ގެންގުޅޭ ސާމާނަށް ގެއްލުންވެފައިވާ ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.
އާބާދީ 3620 މީހުން ހިމެނޭ ވިލިނގިލީގައި 484 ގޭބީސީ ހިމެނެ އެވެ.
ސިފައިންނާއި ވިލިނގިލީ ކައުންސިލުން ގުޅިގެން ދަނީ ފެން ހިންދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ހަ ޕަންޕެއް ބޭނުންކޮށްގެންނާއި އެ ރަށުގެ ހަތަރު ސަރަހައްދަކުން ކޯރު ކަނޑައިގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ނަރުދަމާގެ މައްސަލަ ހައްލު ކުރުމަށް ޖަންގުޝަންތަކަށް ޕަންޕު ގުޅައިގެން މޫދަށް ދަނީ ނަޖިސް ބޭރު ކުރަމުންނެވެ.

ނަޖިސް ބޭރުވެ އެރަށުގައި ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ ބިރު ހީވުމުން އެރަށުގެ ހޮސްޕިޓަލާއި ރެޑް ކުރެސެންޓް ގުޅިގެން މަގުތަކަށް ބުލީޗް ޖެހުން ފަދަ ކަންކަން ކުރަމުން އަންނަ ކަމަށް ވިލިނގިލީ ކައުންސިލުން ބުންޏެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ވެސް ރާއްޖޭގެ ދެކުނަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކުރެއެވެ.