01 Sep 2016, 19:06
ރާއްޖޭގައި މެޑިކަލް ޓުއަރިޒަމް ފުޅާކުރުމުގެ އަމާޒާއެކު ސިއްހީ ދާއިރާއިން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މެޑިކަލް އެކްސްޕޯ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ބާއްވަން ނިންމައިފި އެވެ.
އެ ފެއާއަކީ ބޭރުގެ ހޮސްޕިޓަލްތަކާ ސިއްހީ ހިދުމަތްތައް ރާއްޖޭގައި ޕްރޮމޯޓްކުރުމަށް މަސައްކަތްކުރާ އަމިއްލަ ކުންފުންޏެއް ކަމަށްވާ އެމްވީ މެޑިކަލްސް އާއި އިންޑިއާގެ މެޑްލައިފް އޭޝިއާއާ ގުޅިގެން ބާއްވަން ނިންމާފައިވާ ފެއާއެކެވެ.
ފެއާގެ މައުލޫމާތު ދެމުން އެމްވީ މެޑިކަލްސްގެ މެނޭޖަރު މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް އަބްދުލް ޖަލީލް ހުސެއިން ވިދާޅުވީ، އެކްސްޕޯގެ އަމާޒަކީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ދާއިރާއިން ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީއާ ހިދުމަތްތައް ދެވޭނެ ގޮތަށް ވިޔަފާރިތައް އަހުލުވެރިކުރުމާއި އެފަދަ ހިދުމަތްތައް ލިބިގަނެވޭނެ ގޮތްތައް އަންގައިދިނުން ކަމަށެވެ.
އަންނަ ނޮވެމްބަރު މަހުގެ 24 އިން 26 އަށް ނޭޝަނަލް އާޓް ގެލަރީގައި ބާއްވަން ނިންމާފައިވާ އެ އެކްސްޕޯގައި 21 ސްޓޯލެއް ހިމެނޭއިރު، ސްޓޯލްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެމްވީ މެޑިކަލްސް އިން ވަނީ ހުޅުވާލާފައެވެ.
އެގޮތުން، ހޮސްޕިޓަލް އަދި ކްލިނިކްސް އާއި މެޑިކަލް ލެބްސް އަދި ފާމަސޫޓިކަލް ނުވަތަ ފާމަސީތަކުގެ އިތުރުން ބިއުޓީކެއާ އާއި ހެލްތު އިންޝުރެންސް ފިޓްނަސް ސެންޓަރުގަދަ ސިއްހީ ދާއިރާއާ ގުޅުން ހުރި ކޮންމެ ހިދުމަތެއް ދޭ ފަރާތަކަށް ވެސް އެކްސްޕޯގައި ބައިވެރިވެވޭނެ އެވެ.
ޖަލީލް ވިދާޅުވީ، އެކްސްޕޯގެ ސްޓޯލްތަކުގައި ބައިވެރިވުމަށް ރާއްޖޭގެ ސިއްހީ ހިދުމަތް ދޭ ހޮސްޕިޓަލްތަކަށާއި ސެންޓަރު އަދި ކްލިނިކްތަކަށް ދައުވަތުދީފައިވާއިރު، އިންޑިއާ އަދި ސްރީލަންކާގެ ބައެއް ސިއްހީ ފަރާތްތަކުން ވެސް ބައިވެރިވާނެ ކަމަށެވެ. އަދި ވިދާޅުވީ، މެލޭޝިއާ އައި ދުބާއީގެ ސިއްހީ ހިދުމަތް ދޭ ފަރާތްތަކުން ވެސް އެކްސްޕޯގައި ބައިވެރި ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.