މިއަހަރު ހިފާނެ އެންމެ ފަހު އިރުކޭތަ ހިފައިފި އެވެ.

މިއަދު ހެނދުނު 11:13 އިން 5:00 އަށް ވަނީ އިރުކޭތަ ހިފާފަ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އިރުކޭތަ ރާއްޖެއަށް ފެނުނަސް ފެންނާނީ ރާއްޖޭގެ އެންމެ ދެކުނަށް ކަމަށާއި ނަމަވެސް އެ ހިސާބުގެ މޫސުން ގޯސްވެ ވިލާ ބޯވުމުން ކޭތަ ފެނުން ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.

"އެންމެ ދެކުނަށް ފެނުނަސް ފެންނާނީ، އެއީ މިއަދު 2:06 ކަންހާއިރު، އެކަމަކު އެސަހައްދުގައި ވަރަށް ވިލާ ބޯ." އޮފިޝަލް ވިދާޅުވިއެވެ.

ކޭތަ ހިފުމާއި ގުޅިގެން މިއަދު މެންދުރު ވަނީ ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ކޭތަ ނަމާދުކޮށްފައެވެ.

މިއީ މިއަހަރު ހިފި ދެ ވަނަ އިރުކޭތައެވެ. ފުރަތަމަ އިރުކޭތަ ހިފާފައި ވަނީ މާޗު މަހު ނުވަ ވަނަ ދުވަހުއެވެ.

އިރުކޭތައިގެ އާއްމު ދެ ވައްތަރުގެ ތެރެއިން އެއް ވައްތަރަކީ މުޅި އިރު ހަނދާ ނިވާވެ ފޮރުވޭ އިރުކޭތަ އެވެ. ދެ ވަނަ ވައްތަރަކީ ހަނދާ ދުނިޔެއާ ދެމެދުގައި ހުންނަ ދުރުމިނުގެ ސަބަބުން، ހަނދުގެ ފަހަތަށް އިރު ދާ އިރު، ހަނދުގެ ވަށައިގެން، އަލީގެ އަނގޮޓިއެއްގެ ސިފައިގައި، އިރު ފެންނާން ހުންނަ އިރުކޭތަ އެވެ.

މި މަހު އަދި ހަނދުކޭތައެއް ހިފާނެ އެވެ. އެއީ މިމަހު 16 ވަނަ ދުވަހުއެވެ. އެ ހަނދު ކޭތަ ވަރަށް ރީތިކޮށް ރާއްޖެއަށް ފެންނާނެ އެވެ.