01 Sep 2016, 17:11
އޮސްޓްރޭލިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އޮސްޓްރޭލިއަން އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑެވެލޮޕްމަންޓް (އޮޒެއިޑް)ގެ ފަރާތުން ދޭ ސްކޮލާޝިޕްގެ އަދަދު 16އަށް އިތުރުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމާ ބައްދަލު ކުރައްވައި އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް ބްރައިސް ހަޗަސަން ވިދާޅުވީ އޮޒެއިޑްގެ ހިލޭ އެހީގެ ދަށުން މިހާރު ރާއްޖެއަށް ދެނީ 10 ސްކޮލާޝިޕް ކަމަށާއި އަންނަ އަހަރުން ފެށިގެން އެ އަދަދު 16 އަށް އިތުރުކޮށްދެއްވާނެ ކަމަށެވެ.
އެ ބައްދަލު ކުރެއްވުމުގައި އޮސްޓްރޭލިއާ ސަފީރު ވިދާޅުވީ ސިއްހީ ގޮތުން ކުއްލި ހާލަތްތަކުގައި ދިމާވާ ކަންކަމަށް ފަރުވާދިނުމަށް މީހުން ތަމްރީނު ކުރުމަށް ރާއްޖޭގައި ކުރު މުއްދަތުގެ ކޯސްތަކެއް ހިންގެވުމަށް ޝައުގުވެރިވާ ކަމަށެވެ.
މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ ސަރުކާރުން ރާއްޖޭގެ ރަށްރަށުގައި ސީ އެމްބިއުލާންސްގެ ހިދުމަތްދިނުން ތައާރަފްކޮށްފައިވާއިރު، ޕްރެމެޑިކްގެ ދާއިރާއިން މީހުން ތަމްރީނުކުރުމަކީ ވަރަށް މުހިންމު ކަމަށެވެ.
ތައުލީމީ ދާއިރާއަށް އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަން ބޭނުންވާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ހުރިހާ ކުދިން ޝާމިލްކޮށްގެން ތައުލީމް ފޯރުކޮށްދިނުމަށްޓަކައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭނެ ޓީޗަރުން ތަމްރީނު ކުރާނެ ބަޔަކު ތަމްރީނު ކުރުމާއި އިނގިރޭސި ބަސް ކިޔަވައިދޭނެ ޓީޗަރުން ތަމްރީނު ކުރުމުގައި އޮސްޓްރޭލިއާ އެހީތެރިކަން ބޭނުންވާ ކަމަށެވެ.