01 Sep 2016, 16:49
މޯލްޑިވްސް އިމިގްރޭޝަނުގެ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކިކުރި ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު މައުލޫމާތުތަކެއް ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، އިމިގްރޭޝަނުގެ މުވައްޒަފުންގެ ތެރެއިން ކޯޑް އޮފް ކޮންޑަކްޓާއި ޔުނިފޯމް ގަވާއިދާ ހިލާފުވި މުވައްޒަފުންތަކަކަށް އެހެން ވަޒީފާއަކަށް ބަދަލުވުމަށް ފުރުސަތު ދީފައިވާނެ ކަމަށެވެ.
އިމިގްރޭޝަނުން ބުނީ އެ މުވައްޒަފުން އެދޭ ނަމަ ސިވިލް ސާވިސްގެ އެހެން ވަޒީފާއަކަށް ބަދަލުވުމުގެ ފުރުސަތު ވެސް ތަނަވަސް ކޮށްދީފައިވާ ކަމަށެވެ. އަދި ވަޒީފާއަށް ބަދަލުވުމުގައި އިމިގްރޭޝަނުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އެ މުވައްޒަފުންނަށް އަންގާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.
އިމިގްރޭޝަނުން ބުނީ އެ އިދާރާއަކީ ގައުމީ ސަލާމަތާ ގުޅުންހުރި ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ގާނޫނީ ޒިންމާތަކެއް މަތިކޮށްފައިވާ އިދާރާއެއް ކަމަށެވެ. އެހެންކަމުން އެ އިދާރާގެ މުވައްޒަފުންނަކީ ކޯޑް އޮފް ކޮންޑަކްޓާއި ޔުނިފޯމް މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ.
އިމިގްރޭޝަނުން ބުނީ އެ އިދާރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަކީ ވެސް ކޯޑް އޮފް ކޮންޑަކްތާއި ޔުނިފޯމް މިންގަނޑާއި އަދިވެސް އެ އިދާރާގައި ހެދިފައިވާ ހުރިހާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާ ބޯލަނބާ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ.
އިމިގްރޭޝަނުން މިހެން ބުނެފައި ވަނީ އެ އިދާރާގެ މުވައްޒަފުންތަކެއް ވަކިކޮށްފައިވާ ކަމަށް ބުނެ ޝޯޝަލް މީޑިއާގައި އަޑު ފެތުރިފައި ވަނިކޮށެވެ.