ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނުގެ ސްޕެޝަލް އެޑްވައިޒަރު، ޑރ. ފާއިޒް އަލް އަބިދީން، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

އެ ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވީ ކުރިއަށް އޮތްތާގައި ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ސައޫދީ ސަރުކާރުގެ ފަރާތުން މި އަހަރުގެ ހައްޖު ކޯޓާ އިތުރުކޮށްދެއްވި ކަމަށް ޓަކައި ސައޫދީ އަރަބިއްޔާގެ ސަރުކާރަށް ރައީސް ޔާމީން ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ދެ ގައުމުގެ ދޭތެރޭގައިވާ ގާތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ މެދު މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

ސައޫދީ ރަސްގެފާނުގެ ސްޕެޝަލް އެޑްވައިޒަރު ރައީސް ޔާމީނާ މިއަދު ބައްދަލުކުރައްވާފައިވާ އިރު ޖަޕާން ބޮޑުވަޒީރުގެ ސްޕެޝަލް އެޑްވައިޒަރު، ކަޓްސުޔުކި ކަވާއި ވެސް ވަނީ ރައީސް ޔާމީނާ މިއަދު ބައްދަލުކުރައްވައިފަ އެވެ.

ޖަޕާން ބޮޑުވަޒީރުގެ ސްޕެޝަލް އެޑްވައިޒަރާއި ރައީސް ޔާމީން ބައްދަލުކުރައްވަނީ: ފޮޓޯ/ ރައީސް އޮފީސް

އެ ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ ޖަޕާން ބޮޑުވަޒީރުގެ ސްޕެޝަލް އެޑްވައިޒަރަށް މަރުހަބާ ވިދާޅުވެ، ދިވެހި ރާއްޖޭގެ އިގުތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް ޖަޕާން ސަރުކާރުގެ ފަރާތުން ދެއްވާ އެހީތެރިކަމާ އެއްބާރުލެއްވުމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ވެސް ދެގައުމުގެ ގުޅުން އިތުރަށް ފުޅާކުރެވޭނެ ދާއިރާތަކާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއާ ޖަޕާން ބޮޑުވަޒީރުގެ ސްޕެޝަލް އެޑްވައިޒަރާ މަޝްވަރާ ކުރެއްވި ކަމަށެވެ.