"މިހާރު މާލޭގެ މަސާޖް ޕާލާތާއް ހިންގާތަ؟" މިދިޔަ ހަފުތާގެ އެއް ދުވަހަކު އަހަރެމެންގެ އެޑިޓޯރިއަލްގެ ޓީމްގެ އިސް ބޭފުޅަކު އަހަންނާ ސުވާލު ކުރި އެވެ. އަހަރެން ބުނީމެވެ. ކުރިއެކޭ އެއްގޮތަށް މަސާޖް ޕާލާތަކުގައި ހަށިވިއްކާ ކަމަށް މީހުން ބުނެ އުޅެ އެވެ. ބައެއް ރައްޓެހިން ގޮސްފައި އައިސް "ހަބޭސް" ކަމަށް ވެސް ބުނެ އެވެ. އެކަމަކު މާ ބޮޑަކަށް ހަގީގަތެއް ނޭނގެ އެވެ. އޭގެ އެއް ދުވަސް ފަހެވެ. އެޑިޓޯރިއަލް ބޭފުޅުން އަޅުގަނޑާ ބައްދަލުކޮށް މާލޭގެ މަސާޖު ޕާލާތަކުގައި ހަށި ވިއްކުން އިހުވަރު އަރުވާލާފައިވާ ކަމަށާއި އެކަންކަން ކުރަމުންދާ ގޮތް ބަލަން އަންޑަ ކަވާ މިޝަނެއް ހިންގައިދިނުމަށް އެދުނެވެ. އެ މިޝަންގެ މަގުސަދާ، މިޝަންގެ ވިސްނުން ބަހައްޓަންވީ ކަންކަން ވެސް ކިޔައިދިނެވެ. މިޝަންގެ މުޅި މަގުސަދަކީ ރާއްޖޭގައި ފޮރުވިގެން ތިބެ ހިންގާ މަސާޖް ޕާލާތަކުގެ މައްސަލަ ބަސްޓު ކޮށްލުމެވެ. މާތް ނަންނަމުގައި ހިންގާ ނާސިގެތަކުގެ ވާހަކަތައް ގެނެސްދިނުމެވެ. އެކަމަށް ނުކުންނާނެ ނޫސްވެރިންތަކެއް ފާހަގަ ކޮށް ދިނުމަށާއި އަދި މުޅި މިޝަންގެ "ކޮމާންޑަރަ"ކީ އަހަރެން ކަމަށް ވެސް ބުންޏެވެ. މި މީޓިން ބޭއްވުނީ ވަރަށް ސިއްރު ބައްދަލުވުމެއްގެ ގޮތުގަ އެވެ. ބައިވެރިވީ އަޅުގަނޑުގެ އިތުރުން އެޑިޓޯރިއަލް ގެ ދެން އެންމެ އިސް ދެ ބޭފުޅުންނެވެ.

ސަންގެ ނޫސްވެރިން އަހަރެން ވަރަށް ހިތުދަސްވާނެ އެވެ. ކޮންމެ ނޫސްވެރިއެއްގެ އެތެރެ އާއި ބޭރު އަހަންނަށް ވަރަށް ރަނގަޅަށް އެނގެ އެވެ. މިކަހަލަ ކަމެއްގައި ގަޓް ހުންނާނެ ނޫސްވެރިން ސަންގެ ނިއުސް ރޫމުން ފާގަކޮށްލަން އަހަންނަށް އެހާ ދައްޗެއް ނޫނެވެ.

މި ހާއްސަ މިޝަންގައި ނުކުންނާނެ ނޫސްވެރިން ފާހަގަކޮށް އެޑިޓޯރިއަލަށް ހުށަހެޅުމުން އަހަރެމެން ބައްދަލުވެ ކަރުދާހުގައި ރޭވުންތައް ރާވައި އަހަންނާއެކު ނުކުންނަ ނޫސްވެރިންނަށް ވެސް އެކަން ހުށަހަޅައިފީމެވެ. އޭގެ ތެރެއިން އެކަކު ފުރަތަމަ ބުނީ އަހަރެމެން ނިއުސް ރޫމްގެ އާންމު ބަސް "އަމާތަ؟" އެވެ. އަނެކަކު ބުނީ "ތީތި ސަޅިއޭ" އެވެ. ދެން ހުރި މީހާ ބުނެލީ "މިކަން ވާނެ ހެއްޔޭ" އެވެ. އަހަރެން ބުނީމެވެ. ނޫސްވެރިކަމުގައި ފުރަގަހުން ހަތިޔާރު ނާޅާށެވެ. މިކަން އަހަރެމެނަށް ވާނެ އެވެ.

އަހަރެމެން މި ހާއްސަ މިޝަން ރޭވީ އަހަރެމެން ނުކުންނަކަން ފުލުހުންނަށް އަންގައި ފުލުހުންގެ އެހީތެރިކަން "ވޮޗްޑޯގެއް"ގެ ގޮތުގައި ހޯދައިގެނެވެ. އެހެން އެއްވެސް ކަމެއް ފުލުހުންނަކަށް ރޭކާއެއް ނުލާނެ އެވެ. އެއީ ރޭވިފައި އޮތް ގޮތެވެ. ފުލުހުންނަށް މި މިޝަންގެ ވާހަކަ އެންގުމާ މެދު ވެސް ފުރަތަމަ މީޓިންގައި ޚިޔާލު ތަފާތުވި އެވެ. އެކަމަކު ފަހުން ނިންމީ ވެދާނެ ގޮތަކަށް ބަލައި، މަގުސަދު ހާސިލު ކުރެވޭނީ އަންގައިގެން ކަމަށެވެ. އެހެންނޫނީ މިޝަންގެ މީހަކު ފުލުހުންގެ ޚާއްސަ މިޝަން އެއްގައި އޮބައިގެންފި ނަމަ ފަހުން ދެވޭނެ ޖަވާބެއް ނޯންނާނެ އެވެ.

މުޅި ޕްލޭނަށް ފަހު ކަމުގެ މައުލޫމާތު ހުރި ބައެއް ފަރާތްކާ ބައްދަލު ކުރީމެވެ. އެ މައުލޫމާތުތަކަށް ހިސާބު ޖަހައިގެން މިޝަންގައި ނުކުންނަ ކޮންމެ ނޫސްވެރިއަކަށް ހާއްސަ ބަޖެޓެއް ކަނޑައަޅައި ހަވާލު ކުރުމަށްފަހު "މިޝަން ބޯދަށުލައިގެން ނިދާލާށޭ" ބުނެފައި އަހަރެން ނިއުސް ރޫމް ދޫކޮށް ދިޔައީ އެވެ. އޭގެ ފަހުން އަހަރެން އޮތީ ގޭގަ އެވެ. އޮފީހަކަށް ނުދަމެވެ. ގޭގައި އޮވެ އަހަރެން ވިސްނަން ފެށީ މާލޭގެ މިހާރުގެ މާހައުލުގައި މިކަހަލަ ކަމަކަށް ނުކުންނައިރު މިކަމާ ގުޅޭ އެންމެންގެ ވިސްނުން ނިމޭ ހިސާބުންނެވެ. ސަބަބަކީ މުޅި ޕްލޭން ފެއިލް ވެއްޖެ ނަމަ ފިސާރި ބޮޑު ހަޑިއަކުން ހަޑިހޭވި، އަތަށް ގޮވައިފާނެތީ އެވެ. ކޮންމެއަކަސް ނޫހުގައި އަހަރެން ކުރަމުން އައި ހުރިހާ މަސައްކަތެއްގެ މަތިން ހަނދާން ނައްތާލައި މުޅި މިޝަންގެ ތެރެއަށް ރަނގަޅަށް ވަނީމެވެ.

ފުރަތަމަ ދެދުވަހު އަހަރެން ކުރި މަސައްކަތަކީ އެކަނި ނުކުމެ މާލޭގައި މަސާޖް ކޮށްދޭ ބައެއް ތަންތަން ބަލައި ތަޖުރިބާ ކުރީ އެވެ. ތިން ވަނަ ދުވަހު މަސާޖް ޕާލާތަކަށް ގޮސް އުޅޭ އަހަރެންގެ ރައްޓެއްސަކު ގޮވައިގެން ނުކުމެ ތަފާތު ގޮތް ގޮތުން ބަލައި ތަޖުރިބާތައްކޮށް ބޮޑު ލިސްޓެއް އެކުލަވައިލީމެވެ. މި މަސައްކަތްތަކުގެ ނަތީޖާ ނުކުތީ ކުރިން ކުރެހި ޕްލޭން ބަދަލު ކުރަން ޖެހުމެވެ. އެގޮތުން އޮފީހަށް ދިއުމުގެ ބަދަލުގައި މިދިއަ ބުރާސްފަތި ދުވަހުގެ އިރުއޮއްސުމުގެ ކުރިން ބުރުޒު މަގުގައި ހުންނަ "އޮރެގާނޯ" އަށް ވަދެ ބައިވެރިން އެތަނަށް އައުމަށް އެސްއެމްއެސް އެއްކޮށްފައި ކޮފީއެއް ބޯން ޖައްސައިލީ އެވެ. އޭރު އެދިމާ އިން އޮއްސެންދާ އިރު ފެންނާން ހުއްޓެވެ. އަހަރެންގެ އާޕްލޭނަކީ އިރު އޮއްސޭ ވަގުތު އަހަރެމެން ބޭނުންވާ ތަންތަނަށް ވަނުމެވެ.

"ޕްލޭން ބަދަލުވެއްޖެ، މި ގެނައި ބަދަލުގެ ޒިންމާ ނަގާނީ އަހަރެން،" އޮރެގާނޯގައި ބައްދަލުވެ، ޕްލޭން ބަދަލުވެފައިވާ ކަމަށާއި އާ ޕްލޭންގައި މަސައްކަތް ކުރާނެ ގޮތާއި ޕްލޭން އޭ ފެއިލްވެއްޖެ ނަމަ ހަދާނެ ގޮތް ވެސް ކިޔައިދިނީމެވެ. މި ބަދަލު އަހަރެން ގެނައީ އެޑިޓޯރިއަލަށް ނާންގަ އެވެ. އަދި އޮފީހަށްވެސް ނުގޮސް ހުރެގެނެވެ. އޭރު މިހާ މުހިންމު ކަމެއް ރާވާފައި އަހަރެން ރައްކާވި ތަނެއް ނޭނގިގެން އޮފީހުން ހޯދަމުން ދެ އެވެ. އަޅައެއް ނުލަމެވެ. "ހުދު" ދޮގެއް ހަދާފައި ހުރީ އެވެ.

އާ ޕްލޭން ހިއްސާ ކުރުމަށްފަހު އަހަރެން ލިސްޓް ކިޔައިދެމުން ދަނިކޮށް އަހަރެމެން ފުރަތަމަ ޕްލޭން ކުރެހުމުގައި ބައިވެރިވެ ވަޑައިގެންނެވި މާލޭގެ އިސް ބޭފުޅަކު އަޅުގަނޑަށް ގުޅާފައި ޒިންމާދާރު ކަމާއެކު އެކަން ކުރުމަށާއި އެއްވެސް ކަމެއް ހަޑިކޮށް ނުލުމަށް އެދިވަޑައިގަތެވެ. އަދި ވިޔަފާރިވެރިންނާއި މުހިންމު އިސްވެރިންނަށް ނާސިން އެސްކޯޓް ކޮށްދޭ، އޭނާއާ ގުޅިފައިވާ ބްރޯކަރުންގެ ސޯސް ހިމާޔަތް ކޮށްދިނުމަށް އެދިވަޑައިގައތެވެ. ހަގީގަތުގައި އަހަރެން އާ ޕްލޭންގައި ހުންނާނީ އެ ހުރިހާ ބާގަނޑެއް ބެދޭ ގޮތަށް މަލަން އަޅައިފަ އެވެ.

"މިކަމުގައި ބޮނޑިއެއް ލިބެންޏާ ލިބޭނީ އަޅުގަނޑަށް ތިބޭފުޅުންނަށް ކަމެއް ވިޔަކަށް ނުދޭނަން،" އަޅުގަނޑު ޖަވާބު ދިނީމެވެ.

އިރު އޮއްސުމުގެ ކުރިން އަހަރެމެން ނިންމީ ރޭވިފައިވާ ގޮތަށް ތަންތަނަށް ވަންނަން ދާށެވެ. އޭގެ ކުރިން އެކަކު ވަރަށް ހެއްވާ ވާހަކައެއް ބުންޏެވެ: "އަހަރެން ބޭނުން ގެއަށް ގޮސް ފެންވަރާލައި ރީތިވެލަން،"

އަހަރެމެން އެންމެނަށްވެސް ވިސްނުނީ ވަގުތު ނެތް ކަމަށެވެ. އަދި "ފުށްޖަހައިގެން" ދިއުމުގެ ބޭނުމެއް ނެތް ކަމަށެވެ. އެހެންވެ އެހިސާބުން ދާން ހުރި ތަންތަނުގެ ލިސްޓް ދައްކާލީމެވެ. މިހުރިހާ ތަނެއް ފެނުމުން އެންމެނަށް އެއް ފަހަރާ ބުނެވުނީ ތަންތަން ނަގާނީ ގުރުއަތުން ދޯއޭ އެވެ. ދެން ގުރުއަތުލީ އެވެ. ކޮންމެ މީހަކު ދެ ކަރުދާސްކޮޅު ނަގާ ގޮތަށެވެ. އެއީ އެއްތަން ފެއިލް ވެއްޖެ ނަމަ ދެވަނަ ތަނަށް ދާ ގޮތަށެވެ.

ގުރުއަތުލައި ނިމުމުން ދެން ނިންމީ މުޅި އޮޕަރޭޝަނަށް ކިޔާނެ ނަމެކެވެ. އެގޮތުން އެ ވަގުތާއި އަހަރެމެންގެ ނޫހުގެ ނަމާއި ގުޅުވާލައި އަހަރެމެނަށް ނިންމުނު ނަމަކީ "އޮޕަރޭޝަން ސަން ސެޓް" ކަމަށެވެ. އޭގެ ފަހުން ސްޕައި ކެމެރާ ބޭނުން ކުރާނެ މީހަކު އިސް ނަގައި އެމީހަކު ކެމެރާއާ ހަވާލުވި އެވެ. މިއީ ކުރިން އަހަރެމެންގެ ޕްލޭންގައި ނެތް ކަމެކެވެ. ކެމެރާގެ ޑޭޓާ ފަހުން ރިކާވާ ކޮށްފާނެ ކަމަށް ބަލައި އެކަމަށް ވެސް ހުންނާނީ ފިޔަވަޅު އަޅައިފަ އެ އެވެ.

ނަން ފާސް ވުމާއެކު ލަސް ނުކޮށް އެންމެ އެކުގައި ޓަޗްކޮށްފައި ނައްޓައިލީ އެވެ. އޭރުވެސް އަހަރެން ހޯދަން އޮފީހުން ގުޅަމުން ދިޔައެވެ. މަށަށް އެންމެ އުނދަގޫ އެއް ކަމަކަށްވީ ހުރިހާ ކޮލީގުންނަށް ސިއްރުން ކުރަން ޖެހޭ ކަމަކަށް ވީމަ އެވެ. އެއީ އެންމެ ފުރަތަމަ މީޓިންގައި ވެސް ނިންމާފަ އޮތް ގޮތެވެ. ނިއުސް ޓީމުގެ އެހެން މީހުންނަށް މި މިޝަންގައި ބައިވެރިވާ މީހުންނަކީ ކޮބައިކަން އޮތީ ސިއްރު ކޮށްފަ އެވެ. އަދި ވެސް އެކަން އޮންނާނީ އެހެނެވެ. މި ކަން ކުރި ބަޔަކު ނޭނގޭނެ އެވެ.

މުޅި ޕްލޭނަށް ގެނައި ބޮޑު ބަދަލާއެކު އަހަރެންގެ ބައިވެރިން ލޯމައްޗަށް ގެއްލެންދެން އަހަރެން އެމްއެންބީސީ ވަން ކައިރީގައި ބަލަން ހުރީމެވެ. ދެން މަޑުމަޑުން ހިނގާފައި ގޮސް އަހަރެންގެ މަންޒިލަށް ވާސިލުވެ ކުރި ކަމެއް ކޮށްގެން ނުކުމެ އެހެން ބައިވެރިންނަށް އެސްއެމްއެސްކޮށްފައި އެޑިޓޯރިއަލްގެ އިސްވެރިންނަށް "އޮޕަރޭޝަން ސަންސެޓް" ކާމިޔާބު ވެއްޖެ ކަމަށް އަންގައި އަނެއްކާވެސް އޮރެގާނޯއަށް ވަދެ ކޮފީއެއް ގެނުވީ އެވެ. އޭގެ 30 އަކަށް މިނެޓް ފަހުން ފަހަރަކު މީހަކު "މިޝަން ސަކްސަސް" ކަމަށް ބުނެ މެސެޖްތައް ފޮނުވަން ފެށި އެވެ. ދެން އެންމެން އެއްތަނަށް ޖަމާވެ އޮފީހަށް އެކަން އެންގުމުން އެޑިޓޯރިއަލްގެ އިސް ބޭފުޅުންނާއެކު މުޅި މިޝަންގެ ބައިތައް ލިޔެލާނެ ގޮތް ރާވާ ހަދައި ނިންމާލުމަށް ފަހު ނައްޓާލީ އެވެ. ހީވާ ގޮތުން އަހަރެމެން ގަތް ހުރިހާ ސަކަރާތެއް ފުލުހުން އެރޭ ދިޔައީ ބަލަމުންނެވެ. އަހަރެމެން އެކަމަކާ އަޅައެއް ނުލަމެވެ.

މި މިޝަން ކާމިޔާބު ކަމާ އެކު ނިންމައި ލުމުގައި އެހީތެރިވި ހުރިހާ ފަރާތަކަށް ޝުކުރު އަދާ ކުރަމެވެ.