01 Sep 2016, 16:59
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ ސްޓޫޑަންޓްސް ޔޫނިއަން (އެމްއެންޔޫއެސްޔޫ)ގެ ހަރަކާތްތަކުގެ މީޑިއާ ޕާޓްނަރަކަށް ސަން މީޑިއާ ގްރޫޕް ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ގައުމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސަން މީޑިއާ ގްރޫޕުގެ ފަރާތުން ސޮއި ކުރެއްވީ، ކުންފުނީގެ ސޭލްސް އެންޑް މާކެޓިންގެ ޖެނަރަލް މެނޭޖަރު މިންހާ ފާއިޒެވެ. ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުގެ ފަރާތުން ސޮއި ކުރެއްވީ އެ ޖަމިއްޔާގެ ރައީސް އަލީ ރަޝީދެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިންހާ ވިދާޅުވީ، އިޖްތިމާއީ ކަންތައްތަކުގައި ސަން މީޑިއާ ގްރޫޕުން ވީހާވެސް ގިނައިން ބައިވެރިވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިއަދު ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމާއެކުވި އެއްބަސްވުމުގެ ދަށުން ސަން މީޑިއާ ގްރޫޕުގެ ދަށުން ހިމެނޭ ހުރިހާ މީޑިއާ ވަސީލަތްތަކަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.
ސަން މީޑިއާ ގްރޫޕާއެކު ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުން މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން އެ ޖަމިއްޔާއިން ހިންގާ ރާވާ ހުރިހާ ހަރަކާތެއްގެ އެކްސްކުލޫސިވް މީޑިއާ ޕާޓްނަރުކަން ލިބޭނީ ސަން މީޑިއާ ގްރޫޕަށެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުގެ ރައީސް އަލީ ރަޝީދު ވިދާޅުވީ، އެމްއެންޔޫއެސްޔޫ އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް މަދަނީ ޖަމިއްޔާކަމުން އެ ޖަމިއްޔާއިން ކުރިއަށްގެންދާ ހަރަކާތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް އިނގެންޖެހޭނެ ކަމަށެވެ.
އެގޮތުން، ރާއްޖޭގެ އެންމެ ރަނގަޅަށް ހިންގާ މީޑިއާ، ސަން މީޑިއާ ގްރޫޕާއެކު އެއްބަސްވުމެއްގައި ސޮއި ކުރުމަކީ ޖަމިއްޔާއަށް ކުރިއަށް އެޅުނު ވަރަށް ރަނގަޅު ފިޔަވަޅެއް ކަމަށާއި ސަން މީޑިއާ ފަދަ މީޑިއާއަކާއެކު އެއްބަސްވުމަކަށް އާދެވުނުކަމީ ލިބޭ އުފަލެއް ކަމަށް ވިދާޅުވި އެވެ.
ދެހާސް ތޭރަވަނަ އަހަރު އުފެދުނު ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުން މިއަދާ ހަމައަށް ގިނަ ހަރަކާތްތަކެއް ޔުނިވާސިޓީގެ ފެކަލްޓީތަކުގެ އިތުރުން ރާއްޖޭގެ އެހެން ޔުނިވާސިޓީ ކޮލެޖްތަކުގެ އިތުރުން ހަޔާ ސްކޫލްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފައިވެ އެވެ.
އެގޮތުން، މިއަހަރުގެ ތެރޭގައި ކޮލެޖް ޔުނިވާސިޓީ އަދި ހަޔާ ސްކޫލްތަކަށް ހުޅުވާލައިގެން ބަހުސް މުބާރާތެއް ވަނީ ބާއްވާފަ އެވެ.
ކޮލެޖް ޔުނިވާސިޓީ އަދި ހަޔާ ސްކޫލްތަކަށް ހުޅުވާލައިގެން ފުޓްސަލް މުބާރާތަކާއި ނެޓްބޯޅަ މުބާރާތެއްގެ އިތުރުން ޤުރުއާން މުބާރާތެއް ވެސް ބާއްވަން އެ ޖަމިއްޔާއިން ވަނީ ނިންމާފަ އެވެ.