Last Updated: 9 year 3 month ago
ބުލޮގު ޚުލާސާ
އެކުވެރިކަމުގެ މެޗުގައި މިރޭ ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް "ސަން"ގެ ކިޔުންތެރީންނަށް މަރުހަބާ!
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ 9:00ގައި ކުޅޭ މެޗަށް ނުކުންނަ އިރު:
1980ގެ އަހަރުތަކުގައި ކުޅުނު ތިން މެޗެއްގައި ބަންގްލަދޭޝް އަތުން ރާއްޖެ ވަނީ ބޮޑު ތަފާތަކުން ބަލިވެފައި. ސާފް ގޭމްސްގައި 1984ގައި ކުޅުނު ދެ މެޗުން ވެސް 5-0 ލަނޑުން ރާއްޖެ ބަލިވި އިރު، ސާފް ގޭމްސް 1985ގައި ރާއްޖެ ބަލިވެފައިވަނީ 8-0 ލަނޑުން.
- އެއަށްފަހު ދެން ރާއްޖެ އާއި ބަންގްލަދޭޝްގެ ކުރިމަތިލުމެއް ފެނިގެންދިޔައީ 1995 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައި. އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން.
- ސާފް ޗެމްޕިއަންޝިޕް 1997ގައި ވެސް ރާއްޖެ އާއި ބަންގްލަދޭޝްގެ ކުރިމަތިލުން ނިމިގެންދިޔައީ އެއްވަރުވެގެން. އެ މެޗުގައި ރާއްޖޭން ކާމިޔާބުކުރި ލަނޑު ޖަހައިދިނީ ލިރުގާން ސައީދު.
- ރަސްމީ މެޗެއްގައި ބަންގްލަދޭޝްގެ މައްޗަށް ރާއްޖެ އަށް ފުރަތަމަ ކުރި ހޯދުނީ ސާފް ގޭމްސް 1997ގައި. އެ މެޗުން 2-1 ލަނޑުން ރާއްޖެ މޮޅުވި އިރު، މެޗުގައި ރާއްޖޭގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ނިޒާމް (ތޮއްޑޫ) އާއި އަލީ ޝިހާމް.
- ރާއްޖޭގައި 2000 ވަނަ އަހަރު ބޭއްވި ގޯލްޑަން ޖުބިލީ ފުޓްބޯޅަ މުބާރާތުގައި ބަންގްލަދޭޝް އާއި ރާއްޖެ ކުޅުނު މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެން. އެ މެޗުގައި ރާއްޖޭގެ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ފަޒީލް (އޮއްޕޮ).
- ސާފް ޗެމްޕިއަންޝިޕް 2003ގެ ގްރޫޕް ސްޓޭޖް މެޗުގައި 1-0 ލަނޑުން ބަންގްލަދޭޝް މޮޅުވި އިރު، އެ މުބާރާތުގެ ފައިނަލުގައި ރާއްޖެ އަތުން ބަންގްލަދޭޝް މޮޅުވެފައިވަނީ ޕެނަލްޓީ ޖަހައިގެން. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 ލަނޑުން ދެ ޓީމު ވަނީ އެއްވަރުވެފައި. މެޗުގައި ރާއްޖޭގެ ލަނޑު ކާމިޔާބުކޮށްދިނީ އަލީ އުމަރު.
- ސާފް ޗެމްޕިއަންޝިޕް 2011ގެ ގްރޫޕް ސްޓޭޖު މެޗުގައި ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުވީ 3-1 ލަނޑުން. އެ މެޗުގައި ރާއްޖޭން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު އަހްމަދު ޠާރިގް (ޓޮމް) ކާމިޔާބުކޮށްދިން އިރު، ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަލީ އަޝްފާގު (ދަގަނޑޭ).
- އެންމެ ފަހުން ރާއްޖެ އާއި ބަންގްލަދޭޝްގެ ކުރިމަތިލުމެއް ފެނިގެންދިޔައީ މިދިޔަ އަހަރު އިންޑިއާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި. ގްރޫޕް ސްޓޭޖުގައި ކުޅުނު އެ މެޗުން ރާއްޖެ މޮޅުވެފައިވަނީ 3-1 ލަނޑުން. މެޗުގައި ރާއްޖޭގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަލީ އަޝްފާގު (ދަގަނޑޭ) އާއި، ނާއިޒް ހަސަން (ދާދު) އަދި އަހްމަދު ނާޝިދު (ނައްޓޭ).



