މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ކަސްޓަމާ ސާވިސްގެ ހިދުމަތްދޭ އާ އިމާރާތެއް އެޅުމަށް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި އެވެ.

މިއަދު މެންދުރު ފެން ކުންފުނީގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި އެ އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ފެން ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް އެވެ. އަމީން ކޮންސްޓްރަކްޝަންސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު އެވެ.

ސާޅީސް ދެ މިލިއަން ރުފިޔާއަށް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން އަޅާ އެ އިމާރާތަކީ 10 ބުރީގެ އިމާރާތެކެވެ.

އެމްޑަބްލިއުއެސްސީގެ އެމްޑީ ފަޒުލް (މ) އަދި އަމީން ކޮންސްޓްރަކްޝަނުގެ އެމްޑީ އަބްދުﷲ މުހައްމަދު (ކ): ސަން ފޮޓޯ/ އަހުމަދު ޝަރުވާން

މީޑިއާއާ މައުލޫމާތު ދެއްވަމުން ފެން ކުންފުނީގެ އެމްޑީ ފަޒުލް ވިދާޅުވީ ކަސްޓަމާ ސާވިސްގެ އާ އިމާރާތެއް އެޅުމުގެ މައިގަނޑު މަގްސަދަކީ ކަސްޓަމަރުންނަށް އެދެވޭ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.

"މިދިޔަ އަހަރުން ފެށިގެން އެމްޑަބްލިއުއެސްސީގެ ޑިވެލޮޕްމަންޓު ޕްލޭނަނީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ޕްލޭނެއްގެ ދަށުން ކުރަމުން ގެންދާ ޑިވެލޮޕްމަންޓު ޕްލޭންތަކެއް. މި ފުރުސަތުގައި އަޅުގަނޑު ފާހަގަކޮށްލަން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމަށްޓަކައި މާލޭގެ ދެ ސަރަހައްދެއްގައި މިހާރު ވެސް އާރޯ ޕްލާންޓުތަކެއް ނޫނިއްޔާމު ފެން އުފެއްދުމުގެ ނިޒާމުގެ މަސައްކަތްތަކެއް އެބަ ކުރިއަށްދޭ،" ފަޒުލް ވިދާޅުވި އެވެ.

އަލަށް އަޅާ ފެން ކުންފުނީގެ 10 ބުރީގެ އިމާރާތް އެޅުމަށް ނިންމާފައި ވަނީ އެ ކުންފުނި މިހާރު ހުންނަ އިމާރާތުގެ އިރު ކަންމަތިން ނެވެ. އެ މަސައްކަތަކީ ދެ ފޭހަކަށް ބަހާލައިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. އެގޮތުން ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގެ ގޮތުން އިމާރާތުގެ ދެ ފުލޯ އަށް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ދެ ފަރާތުން ވަނީ އެެއްބަސްވެފަ އެވެ.

ފަޒުލް ވިދާޅުވީ ދެ ފުލޯގެ މަސައްކަތް 8 މަސް ދުވަހުގެ ތެރޭގައި ނިންމުމަށްފަހު ބާކީ ހުރި ފުލޯތައް 300 ދުވަހުގެ ތެރޭގައި ނިންމުމަކީ އަމާޒެއް ކަމަށެވެ.