01 Sep 2016, 16:17
ދިވެހިރާއްޖެ ހޯދި ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައިވެސް ވަނީ ދިވެހިންގެ އެއްބައިވަންތަކަން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމުގައި ރޭ މިނިސްޓަރު ވިދާޅުވީ، ދިވެހިން ދިވެހިންގެ މައްސަލަތަކަށް ހައްލު ހޯދުމަށް ގެންގުޅެނީ ވަރަށް ހިކުމަތްތެރި ވިސްނުމެއް ކަމަށެެވެ.
ސައީދު ވިދާޅުވީ، ރާއްޖޭގައި ހިނގާ މައްސަލަތަކާއި ރާއްޖޭގައި ހިނގާ ކަންތައްތައް ހައްލު ކުރާނީ ރާއްޖޭގައި ކަމަށާއި، އެއީ ކޮންމެ ގައުމަކަށްވެސް ލިބިފައިވާ ހައްގެއް ކަމަށެވެ.
"ހަަބަރަށްފަހު" ޕްރޮގްރާމުގައި ސައީދު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ހަލާކު ކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް ކުރާ ހަރަދަށްވުރެ ރާއްޖެ ހަލާކު ކޮށްލުމަށް އުޅޭ މީހުން ކުރާ ހަރަދު މާ ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.
އެބަޔަކު ފަތުރުވެރިކަން ހަލާކު ކުރުމަށް ތަންތަނުން ފައިސާ ހޯދައިގެން ހަރަދު ކުރަމުންދާ އިރުވެސް މިދިޔަ މަހުވެސް ރާއްޖޭގެ ފަތުރުވެރިކަމަށް 4.2 ޕަސެންޓުގެ ކުރިއެރުމެއް އައިސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ހަގީގަތުގައި އެމީހުން ކުރަނީ ބޭކާރު ހަރަދެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދި ރާއްޖޭގައި ހިންގާ ކޮންމެ ޕްރޮޖެކްޓެއްގެ މަސައްކަތްވެސް ކުރަނީ ވަރަށްގިނަ ދިރާސާތަކަކާ ހޯދުންތައް ހޯދުމަށް ފަހުގައި ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
އެ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ، 2018 އަންނަންވާއިރަށް އޮންނާނީ ޑެފިސިޓް ނެތް ތިލަފަތް ހަމަ ބަޖެޓެއް ކަމަށެވެ. އަދި ބޭރުގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުން ރާއްޖެއަށް އަންނަނީ ރާއްޖޭގައި ރަނގަޅު އިގްތިޞާދެއް އޮތީމަ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ، ދިވެހިރާއްޖޭގައި ކޮރަޕްޝަނަކީ ފެށުނީއްސުރެ އޮތް އެއްޗެއް ކަމަށާއި ހުރިހާ ސަރުކާރެއްގައިވެސް ހިނގާފަ އޮތް ކަމެއް ކަމަށެވެ. ނަމަވެސް ވެރިކަމުގައި ހުރެގެން އެ ސަރުކާރެއްގައި ހިނގާފައިވާ ކޮރަޕްޝަނުގެ މައްސަލަ ތަހުގީގުކޮށް ބަލަން ކެރުނު ހަމަ އެކަނި ވެރިޔަކީ ޔާމީން ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާގެ ވާހަކަފުޅުގައި ރާއްޖެ ފިޔަވައި ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް މައުލޫމާތު ގެނެސްދެނީ ވަރަށް ޒިންމާދާރުކަމާއެކު ދެފުށްފެންނަ ގޮތަށް ކަމަށް ވިދާޅުވިއެވެ.