ކ. މާފުށީ ޖަލަށް މަނާ ބޭސްތަކެއް ގެންދަން އުޅެނިކޮށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޕްރިޒަން އޮފިސަރެއް ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ މާފުށީ ޕޮލިސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާ ހައްޔަރުކުރީ މާފުށި ޖަލަށް މަނާ ބޭސްތަކެއް ގެންދަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އިއްޔެ ހަވީރު 4:30 ހާއިރު މާފުށި ޖަލު ކުރިމަތިން ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ހައްޔަރުކޮށް ހަށިގަނޑު ބަލައިފާސްކުރަން އުޅުމުން އޭނާގެ އަތުން ބިއްމައްޗަށް އެއްޗެއް ވައްޓާލިތަން ފުލުހުންނަށް ފެނުމުން އެތަން ބަލައިފާސްކުރިއިރު އޭނާ ހުރިދިމާ ބިންމަތިން ޓޭޕް އޮޅާފައިވާ އެއްޗެއްގެ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ނަގައި ބަލައިފާސްކުރިއިރު އޭގެތެރެއިން މަނާ ބޭސްތަކެއްކަމަށް ބެލެވޭ 92 ގުޅަ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ކުޑަކަމުދާ ތަކެތިނަގައި ޓެސްޓް ކުރުމުން މަސްތުވާތަކެތީގެ ދެބާވަތަކަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭނާގެ ބަންދުގެ މުއްދަތު 12 ދުވަހަށް މާފުށީ ކޯޓުން ވަނީ އިތުރުކޮށްފައެވެ.