ކޮލަމްބޯ (ސެޕްޓެމްބަރު 1): ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް ބަން ކީމޫން ސްރީ ލަންކާއަށް ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅެއްގައި އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ ބައްދަލު ކުރައްވައިފި އެވެ.

ދެހާސްނުވަ ވަނަ އަހަރު ލަންކާގެ ދާހިލީ ހަނގުރާމަ ނިމުމަކަށް އައި ފަހުން އެގައުމަށް ބަން ކީމޫން ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި، ލަންކާގެ ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ ރައީސް، މާތިރިޕިއްލަ ސިރިސޭނާ އާއި ސަރުކާރާ އިދިކޮޅު ޓަމިލް ނެޝަނަލް އެލައަންސުގެ މެމްބަރުންނާ ބައްދަލު ކުރައްވާނެ ކަމަށް ލަފާ ކުރެވެ އެވެ.

ލަންކާގެ އޮފިޝަލުން ބުނި ގޮތުގައި ބަން އާއި ބޮޑުވަޒީރު ވިކްރަމަސިންހަ ވާހަކަ ދައްކަވާފައި ވަނީ ހަނގުރާމައަށް ފަހު ގައުމު އާރާސްތު ކުރުމާއި ހަނގުރާމައިގެ ބައިވެރިންގެ މެދުގައި ގުޅުން ބަދަހި ކުރުމާއި ގައުމުގައި ސުލްހަ ގާއިމު ކުރުމާ ބެހޭ ގޮތުންނެވެ. އޭގެ އިތުރު ތަފްސީލެއް އޮފިޝަލުން ދީފައި ނުވެ އެވެ.

ސްރީ ލަންކާ ސަރުކާރާއި ލިބަރޭޝަން ޓައިގާސް އޮފް ޓަމިލް އީލަމް (އެލްޓީޓީއީ)އާ ދެމެދު ހިނގި ހަނގުރާމައިގައި ހިނގާ ދިޔަ ޖަރީމާތަށް ތަހުގީގުކޮށް، އެއަމަލުތައް ކުރިއަށް ގެންދިޔަ މީހުންނަށް އަދަބު ދިނުމަށް ޔޫއެން އިން ވަނީ ތަކުރާރުކޮށް ގޮވާލާފަ އެވެ.

ނަމަވެސް 37 އަހަރަށް ދެމިގެން ދިޔަ ހަނގުރާމައިގެ ތެރޭގައި އާއްމުންނަށް ރައްކާތެރިކަން ފޯރުކޮށްދޭން ޔޫއެން އެކަށީގެންވާ ވަރަށް މަސައްކަތް ކޮށްފައި ނުވާ ކަމަށް ބުނެ ލަންކާގެ ހަނގުރާމައިގައި ބައިވެރިވި ދެފަރާތަށް ނިސްބަތްވާ ރައްޔިތުންވެސް ވަނީ ބުނެފަ އެވެ. (އިންޑިއަންއެކްސްޕްރެސް)