01 Sep 2016, 14:52
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެން ދިޔަ 25 ވަނަ ޓީޓީއޭއެމް ޗެމްޕިއަންޝިޕް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
ނިމިގެން ދިޔަ މަހުގެ 27 އިން 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ އެ މުބާރާތް ނިންމުމުގެ ގޮތުން ޓީޓީ ހޯލްގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް އެވެ.
އެ ރަސްމިއްޔާތުގައި މުބާރާތުގައި އެކި ވަނަ ވަނައަށް ހޮވުނު ކުޅުންތެރިންނަށް އިނާމާއި ސެޓްފިކެޓް ވަނީ ހަވާލުކޮށްފަ އެވެ. ފުރަތަމަ ޑިވިޝަންގެ އަންހެން ބައިގެ ސިންގަލްސް ޗެމްޕިއަންކަން މުއީނާ މުހައްމަދު ހޯދި އިރު، އެ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ތެނުކަ އަބުޔަސެނަ އެވެ. ފުރަތަމަ ޑިވިޝަންގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން އައިމިނަތު ޝިއުރާ އާއި މުއީނާ މުހައްމަދު ޕެއާ ހޯދި އިރު، އެ ޑިވިޝަނުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ތެނުކަ އަބުޔަސެނަ އާއި ރަޖީތަ ސަވަރަވީރަ އެވެ.

ޓީޓީއޭއެމް ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން: މި އަހަރުގެ މުބާރާތް ކުރިއަށްގޮސްފައިވަނީ ނިމިގެންދިޔަ މަހުގެ 27 އިން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް --- ފޮޓޯ: ޓީޓީއޭއެމް
އެ މުބާރާތުގެ ވެޓެރަންސް ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އަލީ އާދަމް މަނިކު ހޯދި އިރު، ވެޓެރަންސް ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އިބްރާހިމް ލަތީފާއި އަހްމަދު ލަތީފެވެ. އަދި މުބާރާތުގެ މިކްސްޑް ޑަބަލްސް ޗެމްޕިއަންކަން ހޯދީ އައިމިނަތު ޝިއުރާ ޝަރީފާއި ރަޖިތަ ސަވަރަވީރަ އެވެ.
ރޭގެ ރަސްމިއްޔާތުގައި އެކި އުމުރުފުރާތަކުގައި ވާދަކޮށް، ވަނަ ވަނައަށް ހޮވުނު ކުޅުންތެރިންނަށް ވެސް އިނާމު ހަވާލުކޮށްފައިވެ އެވެ. އެ މުބާރާތުގައި ވައިޑީޕީ އާއި، ނުވަ އަހަރުން ދަށާއި، 12 އަހަރުންދަށާއި، 15 އަހަރުންދަށް އަދި 18 އަހަރުންދަށުގެ އިވެންޓުތައް ކުރިއަށްދިޔަ އެވެ.