01 Sep 2016, 14:55
ހުނަރުވެރި އެކްޓްރެސް ޝިލްޕާ ޝެޓީ އާއި ރާޖް ކުންދުރާ ކައިވެނީގެ ގޮތުން ގުޅުނު ފަހުން މިހާރު ހަތް އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. ކައިވެންޏަށް ކުއްޖަކު ވެސް ލިބިފައި ވާއިރު ވަރަށް ކާމިޔާބު ކައިވެންޏެއް ކަމަށް އެންމެން ވެސް ގަބޫލު ކުރެ އެވެ.
ނަމަވެސް މިހާރު ވަނީ އެ ގުޅުމުގައި ރެނދުލާފައި ވާކަމަށް ވާހަކަތައް ދެކެވެން ފަށައިފަ އެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ދެ މީހުންގެ ދޭތެރޭގައި މައްސަލަ ޖެހި ކައިވެނި ރޫޅުމާ ވަނީ ގާތްވެފަ އެވެ.
ޝިލްޕާ އަދި ރާޖް ވެސް ވަނީ މީޑިއާ ރިޕޯޓުތައް ދޮގުކޮށްފަ އެވެ. އަދި ދެމީހުންގެ ދެމެދުގައި ނުތަނަވަސްކަމެއް ނެތް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ދެމީހުން ރިޕޯޓުތަކަށް އިންކާރު ކުރި ނަމަވެސް، އެ ވާހަކަތަކުގައި އަންނަނީ އިތުރު ކުރިތަކެއް ފަޅަމުންނެވެ. އެންމެ ފަހުން ޝިލްޕާ މިވަނީ އެކަމާ ގުޅިގެން ވާހަކަ ދައްކައިފަ އެވެ.
"އަހަރެން ހިތަށް އަރާ ކިހިނެއް ލިޔާ ހަބަރުތަކެއްތޯ މިއީ. ކިހިނެއް ހޯދާ މައުލޫމާތެއްތޯ. އަހަންނާ ރާޖް ވެސް އަދި އަހަރެންގެ އެކުވެރިން ވެސް ވާހަކަތައް ކިޔާފަ ލަދުގަތް. ލިޔެފަ ހުރި ވާހަކަތައް ބައެއް ރައްޓެހިން ގަބޫލުވެސް ކުރި. އަހަންނަށް ފުރަތަމަ މިކަހަލަ ހަބަރުތަކެއް އުޅޭ ކަން އެނގުނީ ވެސް ރައްޓެހިންގެ ފަރާތުން،" ޝިލްޕާ ބުންޏެވެ.
ޝިލްޕާ ބުނީ މަޝްހޫރު ވުމުގެ ސަބަބުން ތިމާއާ ގުޅޭގޮތުން ޚުދު ތިމާއަށް ވެސް ނޭނގޭ ކަންކަން އެހެން މީހުންނަށް އެނގޭ ކަމަށެވެ. އަދި ދޮގު ޚަބަރުތައް ވެސް ފެންމަތިވާނެ ކަން ދަންނަ ކަމަށެވެ.
"އެކަމަކު ވަރަށް ހުތުރު ކަމެއް މީ،" ޝިލްޕާ ބުންޏެވެ.
ޝިލްޕާ ބުނީ ރާޖް އާ ދެމީހުންގެ ދެމެދުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި، ވާހަކަތަކާ ގުޅިގެން އެއްޗެއް ނުބުނެ ހުރުމަކީ އެކަމަށް އާނ ބަސް ބުނުން ނޫން ކަމަށެވެ.