ސަރުކާރު ވެއްޓެނީއޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަ އަކީ ކުށްހީއެއް ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުން ޒަމީރު ވިދާޅުވީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ރައީސް ޔާމީނަކީ ފަހަތަށް ބައްލަވާ ބޭފުޅެއް ނޫން ކަމަށާއި، އެހެން ކަމުން ސަރުކާރު ވެއްޓެނީއޭ ވިދާޅުވާ ވިދާޅުވުމަކީ ކުށް ހީއެއް ކަމަށެެވެ.

މިނިސްޓަރު ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ގާނޫނީ އިމުން ބޭރުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް މި ސަރުކާރުން ގާނޫނީ އިމުން ބޭރުނުވާނެ ކަމަށެވެ.

މި ސަރުކާރުގެ ބޭފުޅަކު ގާނޫނީ އިމުން ބޭރުވެއްޖެނަމަ ގާނޫނު އެބޭފުޅަކާ އަރައި ހަމަކުރާނެ ކަމަށް ވެސް ޓޫރިޒަމް މިނިސްޓަރު ވިދާޅުވިއެވެ.

ރައްޔިތުންނަށް ހެވާއި ލާބަ ލިބޭ އެއްވެސް ކަމެއްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދެކޮޅު ހައްދަވާފައިނުވާނެ ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް ޔާމީނަކީ ވަރަށް ކާމިޔާބު މާޒީއެއް އޮތް ބޭފުޅެއް ކަމަށާއި، އެމަނިކުފާނުގެ ލީޑާޝިޕްގެ ދަށުން އެސްޓީއޯ އާއި ސްޓެލްކޯގެ ފައިދާ އެތައް ގުނައަކަށް މަތި ކުރައްވާފައިވާކަމަށެވެ.

ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރު ފުރިހަމަވެގެން ދާއިރު ވެވަޑައިގެންފައި ހުރި ހުރިހާ ވައުދުތައް ފުއްދަވާނެ ކަމަށް ވެސް ޓޫރިޒަމް މިނިސްޓަރު ވިދާޅުވިއެވެ.