ޖަޕާނުގެ ބަނދަރެއްގައި އޮއްވައި އައި ބާރުގަދަ ޝަންޝަން ތޫފާނުގައި ޖެހި ބަންޑުން ޖަހާލި ވީއޭ ޕްރައިވެޓް ލިމިޓެޑުގެ "އޭއޭއޭ" އުފުލީގެ އިންޝުއަރެންސް ފައިސާގެ ގޮތުގައި ދައްކާފައި އޮތް 350،000 ޑޮލަރު ]5،397،000ރ.[ އެ ކުންފުންޏަށް ދެއްކުމަށް ސްރީލަންކަން އިންޝުއަރަންސް ކޯޕަރޭޝަން ލިމިޓެޑަށް ސިވިލް ކޯޓުން އިއްޔެ އަންގައިފި އެވެ.

ގާޒީ މަރިޔަމް ނިހާޔަތު ކުރެއްވި ހުކުމުގައި ބުނެފައި ވަނީ ސްރީލަންކަން އިންޝުއަރެންސްގެ ފަރާތުން ވީއޭ އަށް "ޓެމްޕަރަރީ ކަވާ ނޯޓް" އިން ދޫކޮށްފައިވާ އިންޝުއަރެންސް ބާތިލްކޮށްފައިވާ ކަމަށް އިންޝުއަރެންސް ކުންފުނިން ބުނާ ކަމަށެވެ. އަދި އެ އިންޝުއަރެންސް ބާތިލް ކުރީ އޭއޭއޭ އުފުއްޔަކީ ސީވާދީ އުޅަނދަކަށްވެފައި އެ އުޅަނދުގައި ގާބިލް، ޕްރޮފެޝަނަލް ފަޅުވެރިން ނެތުމުން ކަމަށް ސްރީލަންކަން އިންޝުއަރެންސް އިން ބުނާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ. ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން އެ އުފުއްޔަށް ސިންގަލް ވޮޔޭޖް ޕާމިޓެއް ދޫކޮށްފައިވާ ކަމަށާއި އެ ހުއްދަ ދޫކޮށްފައި ވަނީ އެ އުޅަނދަށް ގޮސް ރަނގަޅަށް ސާވޭ ކުރުމަށް ފަހުގައި ކަމަށް މިނިސްޓްރީން ބުނާ ކަމަށް އެ ހުކުމުގައިވެ އެވެ.

އެ ހުކުމުގައި ބުނެފައި ވަނީ އުޅަނދުގައި ތިބީ ގާބިލް ފަޅުވެރިން ނޫން ކަމަށް ބުނާ ބުނުން ސްރީލަންކަން އިންޝުއަރެންސް އިން ސާފުކޮށްދީފައިނުވާ ކަމަށާއި އިންޝުއަރެންސް ބާތިލް ކުރި ކަމަށް ބުނާ ސަބަބުތައް އެގޮތަށް ހުރިކަން ބެލެވެން ނެތް ކަމަށެވެ. އެހެންކަމުން އިންޝުއަރެންސް ފައިސާގެ ގޮތުގައި ދެއްކި 350،000 ޑޮލަރު ސްރީލަންކަން އިންޝުއަރެންސް ކުންފުނީގެ ފަރާތުން ވީއޭ އަށް ދައްކަން ޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

"...މި ފައިސާ ވީއޭ ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމުގެ ގޮތުން މިއަދު 31 މެއި 2011 ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު އެ މަހަކަށް ޖެހޭ އަދަދަށް ވުރެ މަދު ނޫން މިންވަރެއް ސިވިލް ކޯޓަށް ދައްކަމުން ގޮސް، މި މުއްދަތުގެ ތެރޭގައި މި ފައިސާ އެއްކޮށް ދައްކައި ހަލާސް ކުރުމަށް ސްރީލަންކަން އިންޝުއަރެންސް ކޯޕަރޭޝަން ލިމިޓެޑަށް އަންގައި ހުކުމްކޮށްފިން،" ގާޒީ ނިހާޔަތު ހުކުމް ކުރައްވާފައިވެ އެވެ.

މީގެ އިތުރުން އުފުލި ބަންޑުން ޖަހާލައި ތެޔޮ ބޭރުވުމުގެ ސަބަބުން ޖަޕާނުގެ ސައިކޭބޭ އޮއިޓާ ބަނދަރަށް ތެޔޮ ލީކުވުން ހުއްޓުވުމަށް ތްރީއޭ އިން ހަރަދު ކުރި 211،000 ޑޮލަރު ]3،253،620ރ.[ އާއި އެހެނިހެން ގެއްލުންތަކަށް ހަރަދުވި 289،000 ޑޮލަރު ]4،456،380ރ.[ ހޯދުމަށް ވެސް ވީއޭ އިން ދައުވާ ކުރި އެވެ. ނަމަވެސް ކޯޓުން ހުކުމް ކުރީ އެއީ އިންޝުއަރެންސް ކުންފުނިން ވީއޭއަށް ދޫކޮށްފައިވާ ޓެމްޕަރަރީ ކަވާ ނޯޓުން ބަދަލު ލިއްބައިދޭ ގެއްލުންތަކެއް ނޫން ކަމަށެވެ.