ލިބްރެވިލް(ސެޕްޓެމްބަރު 1): ގަބޯންގެ ރައީސް، އަލީ ބޮންގޯ އެގައުމުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިކަން އިއްޔެ އިއުލާން ކުރުމުން އިދިކޮޅު ފަރާތްތަކުން ފަށާފައިވާ ހަމަނުޖެހުންތަކުގައި ގަބޯންގެ ގާނޫނު ހަދާ މަޖިލީހުގައި ރޯކޮށްލައިފިއެވެ.

މަންޒަރު ދުށް ފަރާތްތަކުން ބުނި ގޮތުގައި ރިޔާސީ އިންތިހާބުގެ ނަތީޖާ ސައްހަ ނޫން ކަމަށް ބުނެ މުޒާހަރާ ކުރަމުން ދިޔަ މީހުން ވަނީ ގާނޫނު ހަދާ މަޖިލީހުގެ ބޭރުގަ އާއި އެތެރޭގަ ރޯކޮށްލާފައެވެ. އަދި އެސަރަހައްދުގައި މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގަމުން ދިޔަ އިރު ވެރިރަށް ލިބްރެވިލްގެ އެކި ސަރަހައްދުތަކުން އަލިފާންގަނޑު ފެންނަން ހުއްޓެވެ.

މީގެ އިތުރުން މުޒާހަރާގެ ބައިވެރިންވަނީ ޝޮޕިން ސެންޓަރަކާއި ބޭންކަކަށް ވަދެ އެއްޗިއްސަށް ގެއްލުން ދީފައި ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުންޏެވެ.

ގަބޯންގެ އިންތިހާބު ކާމިޔާބު ކުރެއްވީ އަލީ ބޮންގޯ ކަން އިއުލާން ކުރުމުން އިދިކޮޅު ފަރާތްތަކުން މުޒަހަރާ ކުރަނީ -- ފޮޓޯ: އޭއެފްޕީ

ނަމަވެސް ގަބޯންގެ ރައީސް އޮފީހުން ވަނީ ގާނޫނު ހަދާ މަޖިލީހުގައި ރޯކުރި ކަމަށް ބުނާ ރިޕޯޓުތައް ދޮގުކޮށްފައެވެ. އަދި އެ އަލިފާންގަނޑަކީ މުޒާހަރާ ކުރަމުން ދިޔަ މީހުން މަޖިލިސް ކައިރީ ރޯކުރި އަލިފާންގަނޑެއް ކަމަށް ބުނެފައެވެ.

ގަބޯންގައި ވެރިކަން ކުރާތާ ގާތްގަނޑަކަށް 50 އަހަރުވީ ބޮންގޯ އާއިލާގެ އަލީ ބޮންގޯ އިންތިހާބު ކާމިޔާބު ކުރެއްވީ، 49.8 ޕަސެންޓު ވޯޓުންނެވެ. އޭނާއަށް ވާދަކުރެއްވި ޖޯން ޕިންގަށް ލިބިވަޑައިގަތީ 48.23 ޕަސެންޓު ވޯޓެވެ. އެނަތީޖާ އިއުލާން ކުރިތާ މާގިނަ އިރުތަކެއް ނުވެ އަލީ ބޮންގޯގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވަނީ ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ މުޒާހަރާ ކުރަން ފަށާފައެވެ.

ގަބޯންގައި އެންމެ ފަހުން، 2009 އެއްގައި ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ ފާޅު ކުރުމުންވެސް ހަމަނުޖެހުންތައް ހިނގިއެވެ. އެހަމަނުޖެހުންތަކުގައި ގިނަ ބަޔަކު މަރުވެ، އިމާރާތްތަކަށް ގެއްލުންދީފައިވެއެވެ. (އަލްޖަޒީރާ)