01 Sep 2016, 13:19
ރާއްޖޭގައި ބާއްވަމުން އަންނަ އެންމެބޮޑު އެއް އިންޓަނޭޝަނަލް ކެއްކުމުގެ މުބާރާތް ނުވަތަ ކަލިނަރީ ޗެލެންޖް މިމަހު ފަސް ވަނަ ދުވަހުން ހަތް ވަނަ ދުވަހަށް ބާއްވަން ނިންމައިފިއެވެ.
އެ އިވެންޓަކީ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ އެކު "ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް 2016"ގެ ނަމުގައި ކުރިއަށްގެންދާ އިވެންޓެކެވެ. ރާއްޖޭން އެކަން އިންތިޒާމު ކުރަނީ މޯލްޑިވްސް އެގްޒިބިޝަންގެ ފަރާތުންނެވެ. އެ ފަރާތްތަކާ އެކު ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސް ވެސް ބައިވެރިވެއެވެ.
ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސްގެ އެމްބެސެޑަރު އަދި ފައުންޑިން މެންބަރު އަލަން ޕާލްމާ ވިދާޅުވީ، އެ މުބާރާތުގައި ގާތްގަނޑަކަށް 516 ޝެފުން ބައިވެރިވެފައިވާ ކަމަށެވެ. އެ ހުރިހާ ފަރާތްތަކަކީ ވެސް ރާއްޖޭގެ ރިސޯޓް އަދި ހޮޓާތަކުގައި މަސައްކަތްކުރާ، އެކި ގައުމުތަކުގެ ޝެފުންކަމަށް އޭނާ ވިދާޅުވިއެވެ.
މުބާރާތުގައި އެ ފަރާތްތަކުން 20 ކެޓަގަރީއަކުން ކާނާ ތައްޔާރުކުރާނެ ކަމަށް އަލަން ވިދާޅުވިއެވެ.
އަލަން ވިދާޅުވީ، މުބާރާތުގައި ކައްކާ ޝެފުންގެ ކެއްކުންތަކަށް ބެލުމަށް ފަހު ހާއްސަ ޖަޖުންގެ ޕެނަލަކުން އެ ކެއްކުންތަކަށް ޖަޖުކުރާނެ ކަމަށާއި އެންމެ މަތިން މާކްސް ހޯދާ ފަރާތްތަކަށް ސެޓްފިކެޓްތަކާ އެކު އަގުހުރި އިނާމުތަކެއް ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
ހޮޓެލް އޭޝިއާ އެގްޒިބިޝަންގެ އޮފިޝަލަކު ވިދާޅުވީ މުބާރާތުގައި ބައިވެރިވާ ކައްކާއިންގެ ތެރޭން "ބެސްޓް ކަލިނަރީ އެސްޓެބްލިޝްމެންޓް"ގެ ގޮތުގައި ހޮވޭ ފަރާތަކަށް އެލަން ޕާލްމާ ޗެލެންޖް ޓްރޮފީގެ އިތުރުން 750 ޔޫއެސް ޑޮލަރު ލިބޭނެ ކަމަށެވެ. އަދި "ޓީ ޗެލެންޖް ވިނާ" އަށް ސިންގަޕޫރަށް ރިޓާން ޓިކެޓާއެކު އެގައުމުގެ ޝެފް އެސޯސިއޭޝަންގެ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
"މޮސްޓް އައުޓްސްޓޭންޑިން ޝެފް" އަށް ސިންގަޕޫރުގެ ހޮޓަލެއްގައި ތިންރޭގެ ހުރުމާ އެކު ދެކޮޅު ޓިކެޓް ލިބޭ އިރު "އައުޓްސްޓޭންޑިން ޕޭސްޓްރީ ޝެފް" އަށް ލަންކާގެ ދެކޮޅު ޓިކެޓާ އެކު ދެ ރޭގެ ހުރިހާ ހަރަދެއް ލިބޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޭގެ އިތުރުން ރާއްޖޭގެ ކައްކާއިންގެ ތެރެއިން އެންމެ ރަނގަޅު ކައްކާއަކަށް މެލޭޝިއާގެ ދެކޮޅު ޓިކެޓާ އެކު މަތީފަންތީގެ ހޮޓަލެއްގައި ދެ ރޭގެ ހުރުން ލިބޭނެ ކަމަށެވެ. އަދި މީގެ އިތުރުން ވެސް އެކިއެކި ދާއިރާތަކުން 75 އަށްވުރެ ގިނަ އިނާމު އެކިއެކި ކައްކާއިންނަށް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ، މި އަހަރު ކަލިނަރީ ޗެލެންޖާ އެކު ބާއްވާ އެގްޒިބިޝަންގައި 17 ގައުމެއްގެ، ޓޫރިޒަމް ދާއިރާއާ ގުޅުން ހުރި އުފެއްދުންތައް ދައްކާލާނެ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ، އެގްޒިބިޝަންގައި 116 ކުންފުންޏެއްގެ އުފެއްދުންތައް 172 ސްޓޯލުން ދައްކާލާނެ ކަމަށެވެ. އެގްޒިބިޝަން އަދި ކަލިނަރީ ޗެލެންޖް ކުރިއަށްދާނީ މިމަހު ފަސްވަނަ ދުވަހުން ފެށިގެން ހަތް ވަނަ ދުވަހަށް ދަރުބާރުގޭގައެވެ. އެގްޒިބިޝަން އަށް ވަދެވޭނީ ހެނދުނު 10:00 އިން އިރުއޮއްސި 7:00 އާ ދެމެދު އެވެ.
އެ މުބާރާތަށް ޖަޖުން ތައްޔާރުކުރުމުގެ ގޮތުން މިއަދު ވަނީ ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް)ގައި ކައްކާއިން އަދި ޖަޖުންނާ އެކު ކެއްކުމާ ގުޅޭ މާސްޓާ ކްލާހެއް ވެސް ބާއްވައިފައެވެ.