ސަރަހައްދީ ފެންވަރުގެ ޔުނިވާސިޓީއަކަށް ވެގެން ދިއުމަކީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އަމާޒު ކަމަށާއި އެ އަމާޒު ހާސިލުވާނީ ރާއްޖޭން ބޭރުގެ ޔުނިވާސިޓީތަކުގެ ބޭފުޅުން، ގައުމީ ޔުނިވާސިޓީގެ ކަންތައްތައް ތަޖުރިބާކުރަން އަންނަން ފެށުމުން ކަމަށް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒު ޝަރީފު ވިދާޅުވެއްޖެ އެވެ.

ޔުނިވާސިޓީގައި އަލަށް ހަތަރު މަގާމެއް އުފައްދައި، އެ މަގާމުތަކަށް އިސް ބޭފުޅުން އައްޔަންކުރުމަށް މިއަދު ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވައިސް ޗާންސެލަރު ވިދާޅުވީ، ރާއްޖޭގައި ގައުމީ ޔުނިވާސިޓީއާ އެއް ފެންވަރެއްގައި އެ ކޮލިޓީގައި ހިންގާ އެއްވެސް އިންސްޓިޓިއުޓެއް ނުހުންނާނެ ކަމަށެވެ.

ނަމަވެސް ސަރަހައްދުގެ ފާހަގަކޮށްލެވޭ ޔުނިވާސިޓީއަކަށް ގައުމީ ޔުނިވާސިޓީ ހެދުމުގެ އަމާޒު ވާސިލްވި ކަމަށް ގަބޫލުކުރެވޭނީ ގައުމީ ޔުނިވާސިޓީ ނަމޫނާއަކަށް ބަލައިގެން ސަރަހައްދުގެ އަދި ބޭރުގެ އެހެން ގައުމުތަކުން ރާއްޖެއަށް ބޭފުޅުން އައުމުން ކަމަށް ވިދާޅުވި އެވެ.

"ސްޓަޑީ ވިޒިޓް ހައްދަވަން ޔުނިވާސިޓީ އަށް ބޭފުޅުން ވަޑައިގަންނަވާ ދުވަސް އެއީ އަޅުނގަޑުމެންގެ ވިޝަން ހާސިލްވާ ދުވަސް،" ޔުނިވާސިޓީގެ 43 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ހުރިހާ މުވައްޒަފުންނަށާއި ދަރިވަރުންނަށް ތަހުނިޔާ ފޮނުވަމުން ވައިސް ޗާންސެލަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ އަމާޒަށް ވާސިލްވުމަށް ޓަކައި ޔުނިވާސިޓީގެ ހުނަރު އެބަހުރި ކަމަށާއި އެ ހުނަރު ޔުނިވާސިޓީގެ މުވައްޒަފުން ދައްކާފައިވާ ކަމަށެވެ.

ޔުނިވާސިޓީގައި އަލަށް އުފެއްދި މަގާމްތަކަކީ ޑީން އޮފް ރިސާޗުގެ މަގާމާއި ޑީން އޮފް ސްޓޫޑަންޓުގެ މަގާމުގެ އިތުރުން ސެންޓާ ފޯ ފައުންޑޭޝަންގެ މަގާމް އަދި ކޮންޓްރޯލާ އޮފް އެގްޒެމިނޭޝަންގެ މަގާމެވެ.