ޓޯކިޔޯ (ސެޕްޓެމްބަރު 1): ޖަޕާނުގެ އުތުރަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި، އެސަރަހައްދުގައި ހުރި ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒެއްގައި ފެންބޮޑުވުމުގެ ސަބަބުން ނުވަ މީހަކު މަރުވެއްޖެއެވެ.

ޖަޕާނުގެ ރަށެއް ކަމަށްވާ ހޮންޝޫގައި ހުންނަ އެމަރުކަޒުގައި ފެންބޮޑުވީ އެތާ ކައިރީ އޮތް ކޯރެއް ބަންޑުން ވުމުން ކަމަށް ފުލުހުން ބުންޏެވެ. އަދި އެހާދިސާ ހިނގާފައި ވަނީ އެސަރަހައްދުގެ ދުވަސް މީހުން ސަލާމަތީ ސަރަހައްދުތަކަށް ބަދަލުކުރުމަށް ތައްޔާރުވުމަށް ސަރުކާރުން އަންގާފައި ވަނިކޮށް ކަމަށް ޖަޕާނު ސަރުކާރުގެ އޮފިޝަލަކު ވިދާޅުވިއެވެ.

ފުލުހުން މިހާރު ދަނީ އެ މަރުކަޒުގައި ފެންބޮޑުވީ ކޮންއިރަކުތޯ އާއި މަރުކަޒުގައި ތިބި މީހުން ސަލާމަތީ ސަރަހައްދުތަކަށް ބަދަލުކޮށްފައި ނުވަނީ ކީއްވެގެންތޯ ބެލުމަށް މައްސަލަ ތަހުގީގު ކުރަމުންނެވެ.

ލަޔަންރޮކްގެ ނަން ދީފައިވާ ތޫފާނުގެ އަސަރު ޖަޕާނުގެ އުތުރަށް ކުރުމުގެ ސަބަބުން މަރުވެފައިވާ މީހުންގެ އަަދަދު މިހާރު ވަނީ 11 އަށް އަރާފައެވެ. އަދި 1000 ވުރެ ގިނަ މީހުން ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ސަލާމަތީ ސަރަހައްދުތަކަށް ބަދަލުވާން ޖެހިފަ ކަމަށް ޖަޕާނުގެ މީޑިއާތަކުން ބުނެއެވެ. (ރޮއިޓާސް)