ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކާ އެކު އަލުން ޗާޕުކޮށްދޭނެ ފަރާތެއް ހޯދަން ތިންވަނަ ފަހަރަށް ސަރުކާރުން އިއުލާނުކޮށްފިއެވެ.

އެޓާނީ ޖެނެރަލް އޮފީހުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ އޮފީހުން ދޭ މައުމޫލާމަތު ތަކާއެކު 2008 ވަނަ އަހަރު ފާސްކުރި ގާނޫނުއަސާސީ އިސްލާހުކޮށް އަލުން ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމަށް ދެ ފަހަރެއްގެ މަތީން ވެސް އިއުލާނު ކުރުމުން އެކަށީގެންވާ ވަރަށް އެކަމަށް ތަރުހީބު ލިބިފައި ނުވާ ކަމަށެވެ.

އެހެންކަމުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހޯމަ ދުވަހުގެ ހެނދުނު 11:30ގެ ކުރިން އެ އޮފީހަށް ގޮސް މައުލޫމާތު ސާފުކުރުމަށް އެދޭ ކަމަށެވެ.

ޗާޕުކުރަނީ ގާނޫނުއަސާސީގެ ކިހާ ކޮޕީއެއް ކަމެއް އިއުލާނުގައި ބުނެފައެއް ނުވެއެވެ.

މިދިޔަ އަހަރު ތެރޭގައި ގާނޫނު އަސާސީއަށް ވަނީ ދެ އިސްލާހެއް ގެނެސްފައެވެ. ފުރަތަމަ އިސްލާހަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް ކުރިމަތިލެވޭ އުމުރު 30 އަހަރާއި 65 އަހަރާ ދެމެދަށް ބަދަލުކޮށް ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހެވެ.

ދެވަނަ އިސްލާހަކީ ބޭރުގެ ފަރާތްތަކަށް ރާއްޖޭން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހެެވެ. އެ އިސްލާހުގައިވާ ގޮތުން ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި އެއް ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރާ ޕްރޮޖެކްޓްތަކަށް ބިމުގެ މިލްކުވެރިކަމުގެ ހައްގު ދޫކުރެވޭނެއެވެ. ނަމަވެސް އެ ފުރުސަތު ލިބޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ހުއްދަކުރާ ޕްރޮޖެކްޓްތަކަށް ކަމަށްވެސް ގާނޫނުގައި ވަނީ ބުނެފައެވެ.

ޝަރުތުތަކާއެކު މިލްކު ކުރެވޭ ބިން އެހެން މީހެއްގެ މައްޗަށް މިލްކުކޮށް ދިނުމުގެ ހައްގު މިލްކުވެރިޔާއަށް ލިބިގެންވާކަމަށް އިސްލާހުގައިވަނީ ބުނެފައެވެ.

މިލްކުކޮށް ދެވޭ ބިން ދައުލަތަށް ނަގަން ބޭނުންވެއްޖެ ހާލަތެއްގައި ނެގޭނީ ކޯޓު ހުކުމެއްގެ ދަށުން އަދުލުވެރި ބަދަލެއް ދިނުމަށްފަހުގައި ކަމަށްވެސް އިސްލާހުގައިވެއެވެ.