01 Sep 2016, 12:04
ގދ. ތިނަދޫގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ރަށުތެރޭގައި ފެން ހިންދާ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެމްއާރުޑީސީ)އާ ހަވާލުކޮށްފިއެވެ.
އެ މަޝްރޫއުގެ މަސައްކަތް ހަވާލުކުރުމަށް މިއަދު އެންވަޔަރަންމަންޓު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެމްއާރުޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހްމަދު މަމްދޫހެވެ. އަދި އެންވާރަމެންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ތާރިގު އިބްރާހީމެވެ.
އެ މަޝްރޫއު އެމްއާރުޑީސީ އާ ހަވާލުކުރީ އެއް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް 37،925،762.33 ރުފިޔާ އަށެވެ.
އެ މަޝްރޫއު ނިމުމުން ތިނަދޫގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ތާރިގު ވިދާޅުވިއެވެ.
އެންވާރަމެންޓް މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން ސައިޑްވޯކްތަކުގެ ދަށުގައި އަކުއާ ސެލްސްތަކެއް އިންސްޓޯލްކޮށް ވިއްސާރަ މޫސުމުގައި ވެހޭ ވާރޭ ފެނުގެ 2000 ކޮޑިމީޓަރު ރައްކާކުރެވޭނެ ކަމަށެވެ. އެފެން ބިމުގެ ފެންފަށަލައަށް ފޭދުމުން ރަށުގެ ފެންފަށަލަ ދެމެހެއްޓެނިވި ގޮތަކަށް އިއާދަކޮށްދޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ވާރޭ ވެހެމުންދާއިރު އެ ސެލްތައް ފުރުމުން އިތުރުވާ ފެންތައް ޕަންޕުގެ ނިޒާމުން ރަށުން ބޭރު ކޮށްދޭނެ ކަމަށްވެސް އެންވާރަމެންޓް މިނިސްޓްރީން ބުންޏެވެ.