ސިޑްނީ (ސެޕްޓެމްބަރު 1): އޮސްޓްރޭލިއާއަށް ދިޔަ ކްރޫޒް ލައިނާއެއްގައި ދަތުރު ކުރަމުންދިޔަ ކެނެޑާގެ ތިން ފަސިންޖަރެއްގެ ލަގެޖުން 30 މިލިއަން ޑޮލަރުގެ އަގު ހުރި ކޮކެއިން ސިޑްނީގެ ފުލުހުން ހޯދައިފިއެވެ.

އޮސްޓްރޭލިއާގެ ބޯޑާ ފޯސްގެ ކޮމާންޑަރު ޓިމް ފިޓްސްޖެރަލްޑް ވިދާޅުވި ގޮތުގައި ބަރުދަނުގައި 95 ކިލޯ ހުރި އެކޮކެއިން ޕެކެޓްތަކަކީ، ކްރޫޒްލައިނާއެއް މެދުވެރިކޮށް އެގައުމަށް އެތެރެ ކުރަން މަސައްކަތް ކުރަނިކޮށް ހޯދާފައިވާ އެންމެ ގިނަ މަސްތުވާތަކެއްޗެވެ.

ފިޓްސްޖެރަލްޑް ވިދާޅުވި ގޮތުގައި އެމެރިކާގެ ޕްރިންސެސް ކްރޫޒް ކިޔާ ކުންފުންޏަކަށް ނިސްބަތްވާ ސީ ޕްރިންސެސް ކްރޫޒް ލައިނާއިން އެކޮކެއިން ހޯދާފައި ވަނީ އެމެރިކާގެ ޑިޕާޓްމެންޓު އޮފް ހޯމްލޭންޑްސް ސެކިއުރިޓީ އާއި ކެނެޑާ ބޯޑާ ސާވިސެސް އޭޖެންސީން ދިން މައުލޫމާތުތަކުގެ އެހީގައެވެ.

ހޯދާފައިވާ މަސްތުވާތަކެތީގެ ތެރެއިން 35 ކިލޯގެ ކޮކެއިން ފެނިފައި ވަނީ ދެ އަންހެނެއްގެ ލަގެޖުން ކަމަށާއި ބާކީ 60 ކިލޯގެ ކޮކެއިން ފެނިފައި ވަނީ ފިރިހެނެއްގެ ލަގެޖުން ކަމަށް ފިޓްސްޖެރަލްޑް ވިދާޅުވިއެވެ.

އޮސްޓްރޭލިއާއަށް 95 ކިލޯގެ ކޮކެއިން އެތެރެ ކުރަން މަސައްކަތް ކުރި ތިން މީހުންގެ ތެރެއިން ދެ އަންހެނުން -- ފޮޓޯ: އިންސްޓަގްރާމް

އެތިން މީހުން ކްރޫޒްލައިނާއަށް އަރާފައި ވަނީ އިނގިރޭސިވިލާތުން ކަން އެނގެން އޮތް ނަމަވެސް އޮސްޓްރޭލިއާއަށް އައުމުގެ ކުރިން އެބޯޓު ވަނީ ކެނެޑާ، އެމެެރިކާ، ކޮލަމްބިއާ، ޕެރޫ އަދި ނިއުޒީލޭންޑަށް ދަތުރުކޮށްފައި ކަމުން އެމީހުން މަސްތުވާތަކެތި ބޯޓަށް އަރުވާފައި ވަނީ ކޮން ގައުމަކުން ކަން އަދި ކަށަވަރު ނުވާ ކަމަށް ފިޓްޒްޖެރަލްޑް ވިދާޅުވި އެވެ.

އޮސްޓްރޭލިއާގެ ފުލުހުން ހައްޔަރުކޮށްފައިވާ ތިން މީހުން ދެން ކޯޓަށް ހާޒިރު ކުރާނީ އަންނަ މަހުގެ 26ގައި ކަމަށް ފުލުހުން ބުންޏެވެ. (ހަފިންޓަންޕޯސްޓް)