ރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި އަލަށް ހަތަރު މަގާމެއް އުފައްދައި، އެ މަގާމުތައް އިސްވެރިން މިއަދު ހަމަޖައްސައިފިއެވެ.

އަލަށް އުފެއްދި މަގާމްތަކަކީ ޑީން އޮފް ރިސާޗުގެ މަގާމާއި ޑީން އޮފް ސްޓޫޑަންޓުގެ މަގާމުގެ އިތުރުން ސެންޓާ ފޯ ފައުންޑޭޝަންގެ މަގާމް އަދި ކޮންޓްރޯލާ އޮފް އެގްޒެމިނޭޝަންގެ މަގާމެވެ.

އެ މަގާމުތަކުގެ ތެރެއިން ޑީން އޮފް ރިސާޗުގެ މަގާމަށް އައްޔަންކުރައްވާފައިވަނީ މީގެ ކުރިން ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސް އަދި ވިލާ ކޮލެޖުގެ ރިސާޗް ޑިރެކްޓަރުގެ މަގާމް އަދާކުރައްވާފައިވާ ޑރ. ރަހީމާ އަބްދުއްރަހީމެވެ.

ސެންޓަރު ފޯ ފައުންޑޭޝަންގެ އިސްވެރިޔާގެ މަގާމަށް އައްޔަންކުރެއްވީ އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ މުހައްމަދު ދީދީ އެވެ.

ކޮންޓްރޯލާ އޮފް އެގްޒެމިނޭޝަންސް މަގާމަށް އައްޔަންކުރައްވާފައިވަނީ ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްސީ)ގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކުރައްވާފައިވާ ފާތިމަތު ނާޒިޔާ އެވެ.

އަދި ޑީން އޮފް ސްޓޫޑެންޓްސްގެ މަގާމަށް އައްޔަންކުރެއްވީ 1997 ވަނަ އަހަރުން ފެށިގެން ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގައި ވަޒީފާ އަދާކުރައްމުންދާ އަދި ވަގުތީ ގޮތުން އެގްޒެމިނޭޝަންސް ކޮންޓްރޯލާގެ މަގާމުގައި ހުންނެވި ނާދިޔާ އަހުމަދެވެ.

މިއަދު އަލަށް އުފެއްދި މަގާމުތަކަށް އައްޔަންކުރެއްވި ބޭފުޅުންގެ ތެރެއިން ޑީން އޮފް ސޫޑެންޓްސްގެ މަގާމަށް އައްޔަންކުރެއްވި ނާދިޔާ ފިޔަވައި ހުރިހާ ބޭފުޅުންނަކީ ވެސް ޔުނިވާސިޓީއާ އަލަށް ގުޅިވަޑައިގަތް ބޭފުޅުން ކަމަށް ޔުނިވާސިޓީން ބުނެއެވެ.

އަލަށް އުފެއްދި މަގާމުތަކަށް މިއަދު އައްޔަންކުރެއްވި ބޭފުޅުންގެ މަގާމުގެ މުއްދަތަކީ ހަތަރު އަހަރެވެ.

ޔުނިވާސިޓީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ޔުނިވާސިޓީން އަލަށް އުފެއްދި ހަތަރު މަގާމަށް އައްޔަންކުރެއްވި އިސް ބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒު ޝަރީފެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑރ. އަލީ ފަވާޒު ވިދާޅުވީ، އަލަށް އުފެއްދި މަގާމުތަކަކީ އާ މަސައްކަތްތަކެއް ނޫން ކަމަށާއި މަގާމުތަކެއް އުފެއްދުމުގެ ބޭނުމަކީ މިހާރު ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށާއި ކޮލެޓީ އިތުރުކުން ކަމަށެވެ.

އެގޮތުން މިއަދު އައްޔަންކުރި މަގާމުތަކުގެ ތެރެއިން ރިސާޗް ދާއިރާއިންނާއި ފައުންޑޭޝަން ޕްރޮގްރާމްތަކުގެ އިތުރުން ސްޓޫޑަންޓް ސަޕޯޓް އަދި އިމްތިހާންތަކުގެ ދާއިރާތަކުން ކުރިއަށް އޮތް ހަ މަސް ނުވަތަ އަހަރެއްގެ ތެރޭގައި ނަމޫނާ ފެނިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.