މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފުންނަށް އަހަރީ ބޯނަހުގެ ގޮތުގައި 4000 ރުފިޔާއަށް ވުރެ ބޮޑު އަދަދެއް މިއަދު ބަހަން ފަށައިފި އެވެ.

އެމްޕީއެލްގެ ތާރީހުގައި ވެސް ބަހާ އެންމެ ބޮޑު ބޯނަސް މިއަދު ބަހަންފަށާފައިވާ އިރު، އާއްމު ގޮތެއްގައި އެމްޕީއެލްގެ މުވައްޒަފުންނަށް ބޯނަހުގެ ގޮތުގައި ދެނީ ގާތްގަނޑަކަށް ހާހެއްހާ ރުފިޔާ އެވެ.

އެނގިފައިވާ ގޮތުގައި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިއަހަރުން ފެށިގެން ބޯނަހުގެ ގޮތުގައި ފައިދާ އިން ތިން ޕަސެންޓު ބެހުމަށް ވަނީ ނިންމާފަ އެވެ. ވޭތުވެ ދިޔަ އަހަރުތަކުގައި ބޯނަހުގެ ގޮތުގައި ބަހާފައި ވަނީ ފައިދާގެ އެއް ޕަސެންޓެވެ.

އެމްޕީއެލް އިން ވަނީ މިދިޔަ މަހު އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަ ފިހާރައަކާއި ދަތުރުވެރިންނަށް ހާއްސަ ޒަމާނީ މާލަމަކާއި މިސްކިތެއްގެ އިތުރުން ފާހާނާއެއް މީރުބަހުރު ބަނދަރުގައި ހުޅުވައިފަ އެވެ. ފިހާރައިން ލިބޭ ފައިސާ ބޭނުން ކުރާނީ އެމްޕީއެލްގެ މުވައްޒަފުން ހައްޖަށް ފޮނުވައި، އެ ކުންފުނީގެ މުވައްޒަފުންނަށް މަތީ ތައުލީމް ފޯރުކޮށްދިނުމަށް ކަމަށް އެމްޕީއެލްގެ ސީއީއޯ ޖުނެއިދު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

އޭގެ އިތުރުން އެތަނުގައި މަސައްކަތް ކުރާ މަޖޫރީންނަށް އިށީންދެ ތިބުމަށް އެމްޕީއެލް އިން ވަނީ ޖޯލިފައްޗެއް ވެސް ހަދިޔާ ކޮށްފަ އެވެ.

އެމްޕީއެލްގައި ގާތްގަނޑަކަށް 1500 ދިވެހި މުވައްޒަފުން މަސައްކަތްކުރެ އެވެ.