ލޯނު އެއްބަސްވުމެއްގެ ދަށުން ޕޯޗުގަލްގެ ޕޯޓޯގެ ޑިފެންޑަރު ބްރޫނޯ މާޓިންސް އިންޑި އިނގިރޭސިވިލާތުގެ ސްޓޯކް ސިޓީ އަށް ސޮއިކޮށްފި އެވެ.

ނެދަލެންޑްސް ޑިފެންޑަރު މާޓިންސް އިންޑިގެ އިތުރުން މި ސީޒަނުގައި ސްޓޯކް ވަރުގަދަ ކުރުމަށް އެ ކްލަބުން ވަނީ ވިލްފްރެޑް ބޮނީ އާއި ލީ ގްރޭންޓް ވެސް ގެނެސްފަ އެވެ.

ލޯނުގެ ދަށުން ސްޓޯކްއާ އެކު އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުމަށް މާޓިންސް އިންޑި އެއްބަސްވެފައި ވަނީ ޕޯޓޯއާ އެކު ޕްރިމޭރާ ލިގުގައި ދެ އަހަރު ކުޅުމަށް ފަހު އެވެ. އުމުރުން 24 އަހަރުގެ މާޓިންސް އިންޑި ޕޯޓޯއާ ގުޅުނީ 2014 ވަނަ އަހަރުގެ ޖުލައި މަހު ހަ މިލިއަން ޕައުންޑްގެ އަގަކަށެވެ.

ޕޯޓޯއާ އެކު މިހާތަނަށް 71 މެޗު ކުޅެފައިވާ ޑިފެންޑަރު މާޓިންސް އިންޑި ހޯދުމަށް ސްޓޯކްގެ އިތުރުން އިނގިރޭސި އެހެން ކްލަބުތަކަކުން ވެސް މަސައްކަތްކޮށްފައިވެ އެވެ. ސްޓޯކް އާއި މާޓިންސް އިންޑި ގުޅިފައިވާ އިރު، އެ ކްލަބުގެ އުމުރުން 27 އަހަރުގެ ޑިފެންޑަރު ފިލިޕް ވޯލްޝެއިޑް ވަނީ ޖަރުމަނުގެ ވޮލްފްސްބާގާ ގުޅިފަ އެވެ.

"އަހަރެމެން ކުރިން ވެސް މާޓިންސް އިންޑި އަށް ބަލަމުން ދިޔައިން. ހަމަ އެގޮތަށް ޔޫރަޕުގެ ގިނަ ކްލަބުތަކަކުން ވެސް އޭނާ އަށް ޝައުގުވެރިކަން ފާޅުކުރޭ. މާޓިންސް އިންޑި އަކީ އެންމެ މަތީ ފެންވަރުގައި ކުޅޭ ތަޖުރިބާހުރި ކުޅުންތެރިއެއް،" މާޓިންސް އިންޑިއާ ބެހޭ ގޮތުން ސްޓޯކްގެ ކޯޗު މާކް ހިޔުސް ބުންޏެވެ.