01 Sep 2016, 08:39
އިނގިރޭސި ކްލަބު ލިވަޕޫލުގެ ސްޕެއިން ފޯވަޑް ލުއިސް އަލްބާޓޯ، 4.3 މިލިއަން ޕައުންޑްގެ އަގަކަށް އިޓަލީގެ ލާޒިއޯ އަށް ސޮއިކޮށްފިއެވެ.
އުމުރުން 23 އަހަރުގެ ފޯވަޑް އަލްބާޓޯ ލާޒިއޯއަށް ސޮއިކުރިކަން ލިވަޕޫލުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ލާޒިއޯއާ މަޝްވަރާ ކުރުމަށާއި މެޑިކަލްގައި ބައިވެރިވުމަށް އިޓަލީގެ ރޯމްގައި އަލްބާޓޯ ދުވަސްތަކެއް ހޭދަކޮށްފައިވެއެވެ.
މިދިޔަ ސީޒަނުގައި ލޯނުގެ ދަށުން އަލްބާޓޯ ކުޅެމުންދިޔައީ ސްޕެއިންގެ ޑިޕޯޓިވޯ ލަކަރޫނާ އަށެވެ. ލާޒިއޯއިން އޭނާ ގެންގޮސްފައިވަނީ މިދިޔަ ސީޒަނުގައި ލަކަރޫނާގައި އޭނާ ދެއްކި ކުޅުމާ މެދު ހިތްހަމަޖެހިގެން ކަމަށް ހަބަރުތައް ބުނެއެވެ.
އަލްބާޓޯ އަކީ 2013 ވަނަ އަހަރު ސެވިއްޔާ އިން 6.8 މިލިއަން ޕައުންޑަށް ލިވަޕޫލުން ގެނައި ކުޅުންތެރިއެކެވެ. ނަމަވެސް ލިވަޕޫލާ ގުޅުމަށް ފަހު، އޭނާއަށް ވަނީ ރަނގަޅު ކުޅުމެއް ދެއްކޭގޮތް ނުވެފައެވެ. ލިވަޕޫލްގެ ޖާޒީގައި އޭނާ ފެނިފައިވަނީ އެންމެ 12 މެޗުގައެވެ.