01 Sep 2016, 08:37
އިނގިރޭސި ކްލަބު މެންޗެސްޓާ ސިޓީން ސާމިރް ނަސްރީ އާއި، އެލިއަކުއިމް މަންގަލާ އަދި ވިލްފްރެޑް ބޮނީ ލޯނުގެ ދަށުން ދޫކޮށްލައިފިއެވެ.
ސީޒަން ނިމެންދެން ސިޓީން ނަސްރީ ދޫކޮށްލާފައިވަނީ ސްޕެއިންގެ ސެވިއްޔާ އަށެވެ. އޭނާ އަކީ އާސެނަލުން 2011 ވަނަ އަހަރު 25 މިލިއަން ޕައުންޑަށް ސިޓީއާ ގުޅުނު މިޑްފީލްޑަރެކެވެ. އުމުރުން 29 އަހަރުގެ ފްރާންސް މިޑްފީލްޑަރަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ވިދާލެވިފައެއް ނުވެއެވެ.
ސިޓީން ލޯނުގެ ދަށުން ޑިފެންޑަރު މަންގަލާ ދޫކޮށްލާފައިވަނީ ސްޕެއިންގެ ވެލެންސިއާ އަށެވެ. އޭނާ އަކީ ޕްރިމިއާ ލީގުގެ ރެކޯޑު ޓްރާންސްފާއެއްގެ ދަށުން ޕޯޓޯއިން މީގެ ދެ އަހަރު ކުރިން 42 މިލިއަން ޕައުންޑަށް ގެނައި ޑިފެންޑަރެކެވެ. ސިޓީން ވެލެންސިއާ އަށް މަންގަލާ ދޫކޮށްލާފައިވަނީ އޭނާގެ ކުރީގެ ކްލަބު ޕޯޓޯއިން ޝައުގުވެރިކަން ފާޅުކުރަމުން ދަނިކޮށެވެ.
ސިޓީއަށް މި އަހަރުގެ ޖެނުއަރީ މަހު ގެނައި ފޯވަޑް ބޮނީ ދޫކޮށްލާފައިވަނީ އިނގިރޭސިވިލާތުގެ ސްޓޯކް ސިޓީ އަށެވެ. މި އަހަރު ސިޓީއާ އޭނާ ގުޅުނީ ސްވަންސީ ސިޓީން 25 މިލިއަން ޕައުންޑަށެވެ. ސްވަންސީގައި ކާމިޔާބު ދުވަސްތަކެއް ބޮނީ ހޭދަކުރި ނަމަވެސް، ސިޓީގައި އޭނާއަށް ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.
އެ ތިން ކުޅުންތެރިންގެ އިތުރުން ކުރިން އެ ކްލަބުގެ އެއް ނަންބަރު ގޯލްކީޕަރުގެ މަގާމު އަދާކުރަމުންދިޔަ ޖޯ ހާޓް ވެސް ވަނީ ލޯނުގެ ދަށުން ދޫކޮށްލައިފައެވެ. މި ސީޒަނުގައި އޭނާ ފެނިގެންދާނީ އިޓަލީގެ ޓޮރީނޯ އިންނެވެ.