ލޯނު އެއްބަސްވުމެއްގެ ދަށުން މެންޗެސްޓާ ސިޓީގެ އިނގިރޭސި ގޯލްކީޕަރު ޖޯ ހާޓް މި ސީޒަނަށް އިޓަލިއަން ސެރީއާގެ ޓޮރީނޯއާ ގުޅިއްޖެއެވެ.

މި ސީޒަނުގައި ޕެޕް ގާޑިއޯލާ ސިޓީއާ ހަވާލުވުމަށް ފަހު، އެންމެ ބޮޑު ބަދަލެއް ގެނެސްފައިވަނީ އެ ކްލަބު ގޯލްކީޕަރުގެ މަގާމަށެވެ. ބާސާއިން ކްލައުޑިއޯ ބްރާވޯ ގެނައުމާ އެކު ހާޓް ވެގެންދިޔައީ ވިލީ ކަބަލެރޯއަށްފަހު އެ ޓީމުގެ ތިން ވަނަ ގޯލްކީޕަރަށެވެ.

ސިޓީއަށް ހާޓް ކުޅުނު އެންމެ ފަހު މެޗަކީ ޔޫއެފާ ޗެމްޕިއަންސް ލީގު ޕްލޭ އޯފްގެ ދެވަނަ ލެގުގައި ސްޓީއު ބުކަރެސްޓްއާ ދެކޮޅަށް މިދިޔަ ހަފްތާގައި ކުޅުނު މެޗެވެ. އެ މެޗު އޭނާ ކުޅެފައިވަނީ ސިޓީގެ ކެޕްޓަން ބޭންޑް އަޅައިގެންނެވެ.

ޓޮރީނޯއާ ގުޅުމަށް ފަހު، އުމުރުން 29 އަހަރުގެ ގޯލްކީޕަރު ހާޓްގެ މަސްއޫލިއްތަކަށް ވާނީ ޔޫރޯ 2016ގައި އޭނާ ހެދި ގޯސްތައް ތަކުރާރު ނުކުރުމެވެ.

"އަހަރެންގެ ކެރިޔަރަށް މިވަނީ ބަދަލެއް އައިސްފައި. އަދި އަހަރެން އެކަމަށް ގޮތެއް ނިންމަން ޖެހުނު. ޓޮރީނޯއާ ގުޅުނީ އެންމެ ރަނގަޅު ވަގުތުގައި އަދި އެންމެ ރަނގަޅު ގޮތުގައި. ސެރީއާ ފަދަ އުނދަގޫ ލީގެއްގައި ވާދަކުރަން ފުރުސަތެއް ލިބުމުން އަހަރެން އުފާކުރަން. ދުނިޔޭގައި އިޓަލީގެ ގޯލްކީޕަރުންގެ ނަން ވަނީ ފާހަގަވެގެން ގޮސްފައި. އަހަރެންނަށް ޓޮރީނޯގައި އިތުރު ކަންތައްތަކެއް ދަސްވާނެ ކަމަށް އުންމީދުކުރަން،" ޓޮރީނޯގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއްގައި ހާޓް ބުންޏެވެ.

އެންމެ ފުރަތަމަ ސިޓީއާ އެކު ހާޓް މެޗެއް ކުޅެފައިވަނީ 2006 ވަނަ އަހަރެވެ. އެ އަހަރަށް ފަހު ސިޓީއަށް އޭނާ 348 މެޗު ކުޅެފައިވާ އިރު، 2011 ވަނަ އަހަރުގެ އެފްއޭ ކަޕާއި 2012 އަދި 2014 ވަނަ އަހަރު އެ ކްލަބާ އެކު ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވެއެވެ.