ރައްޔިތުންނާއި ސަރުކާރު ހިއްސާވާ ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން )އެސްޓީއޯ( އަށް މިދިޔަ އަހަރު ލިބުނު 118.9 މިލިއަން ރުފިޔާގެ ސާފު ފައިދާއިން ކޮންމެ ހިއްސާދާރަކަށް 68ރ. ބަހަން އެ ކުންފުނިން ނިންމައިފި އެވެ.

ޓްރޭޓާޒް ހޮޓެލްގައި ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި، ހިއްސާދާރަކަށް 68ރ. ބަހަން ފާސްކުރީ އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 37 ހިއްސާ ދާރުންގެ ތެރެއިން 35 މީހުންގެ އަޣުލައިބިއްޔަތުންނެވެ. އެއީ ހިއްސާގެ މޫނުމަތީ އަގަށް ބަލާނަމަ ހިއްސާއަކަށް 64 ޕަސެންޓެވެ. ގިނަ ދާއިރާތަކަކުން ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ އެސްޓީއޯގެ އަހަރީ ރިޕޯޓުގައި ސާފު ފައިދާގެ ގޮތުގައި އެސްޓީއޯ އަށް ލިބުނު 123.8 މިލިއަން ރުފިޔާ ތެރެއިން ޒަކާތަށް 4.9 މިލިއަން ރުފިޔާ އުނިކުރުމަށް ފަހު ހިއްސާދާރުންގެ އާމްދަނީގެ ގޮތުގައި ޖެހޭ ކަމަށް އެ ރިޕޯޓުން ދައްކަނީ 118.9 މިލިއަން ރުފިޔާ އެވެ. އެއީ ހިއްސާއަކަށް 106ރ. އެވެ.

"އަޅުގަނޑުމެންގެ ފައިދާ އެންމެ ރަނގަޅު އެއްއަހަރުގެ މިއީ. ނަމަވެސް އިގުތިސޯދަށް އައި ހީނަރުކަމާއި އެކު ކޭޝްފްލޯ (ފައިސާ ވަންނަވަރު) ރަނގަޅުވެފައި ވިޔަސް އޭގެން އަސަރުކުރި. މިހާރު ވެސް ކޭޝްފްލޯ އެބަހުރި ބޭންކުތަކުގައި 143 މިލިއަން ރުފިޔާ. އަޅުގަނޑުމެން ބަލަން ޖެހޭ ގޮތްތަކަށް ބަލާފައި އެ އަދަދު ބަހަން މި ނިންމީ،" ހިއްސާދާރުންނަށް 68ރ. ބަހަން ނިންމެވި ސަބަބާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑައިރެކްޓާ ޝާހިދު އަލީ ރޭ ވިދާޅުވި އެވެ.

ހިއްސާދާރުންގެ ފަރާތުން ރަނގަޅު ތަރުހީބެއް ލިބުނު އެ ޖަލްސާގައި އާދައިގެ މަތިން 2009 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ އާއި އަދި 2010 ވަނަ އަހަރުގެ އޯޑިޓް ރިޕޯޓާއި އަދި ކުރިއަށް އޮތް އަހަރުގެ އޯޑިޓް ކުރާނެ ފާމެއްވެސް ވަނީ ޖަލްސާގެ ފުރިހަމަ އަޣުލަބިއްޔަތުން ފާސްކޮށްފަ އެވެ. އެގޮތުން މިދިޔަ އަހަރެކޭވެސް އެއްގޮތަށް އެކްސްޓާނަލް އޯޑިޓް ފާމެއްގެ ގޮތުގައި ހަމަޖެއްސީ ޕްރައިސް ވޯޓާ ހައުސް ކޫޕާޒް އެވެ. އެއީ 28،000 ޑޮލަރަށެވެ.

ސަރުކާރުން ތަމްސީލްކުރި ދެ ހިއްސާދާރުން ބައިވެރިވެވަޑައިގަތް ޖަލްސާގައި އާންމު ހިއްސާ ދާރުންގެ ތެރެއިން ބޯޑަށް އިންތިހާބުވީ 2008 ވަނަ އަހަރުން ފެށިގެންވެސް އެ މަގާމު ފުރުއްވަމުން އަންނަ މަސްއޫދު އަލީ އެވެ.
ގާތްގަނޑަކަށް ތިން ގަޑިއިރަށް ދިގުދެމިގެން ދިޔަ އެ ޖަލްސާގައި ކުންފުނީގެ ވިޔަފާރި ފުޅާ ކުރަން ރާވާފައި ހުރި ބައެއް ކަންތައްތަކުގެ ގޮތުގައި ޑިރެކްޓަރުން ފާހަގަކުރެއްވީ ޓޫރިޒަމް ސެކްޓާ އަށް ވިޔަފާރި ފުޅާ ކުރުމާއި އަދި ހުޅުމާލޭގައި ރެސިޝަން ހޮޓެލްއެއް އެޅުންފަދަ ކަންކަމެވެ.

"އަޅުގަނޑުމެން ބޭރުފައިސާ ކަޅު ބާޒާރުގައި ގަނެވޭކަށް ނެތް. އެހެންވެ އަޅުގަނޑު ބޭރުފައިސާ ހޯދާނެ ގޮތަކާ މެދު މަޝްވަރާ ކޮށްފައި ނިންމީ ޓޫރިޒަމް ސެކްޓާއަށް ވިޔަފާރި ފުޅާ ކުރަން. އެހެންވެ އަޅުގަނޑުމެން ރިސޯޓެއް ގަތުމާއި ހުޅުމާލޭގައި ގެސްޓް ހައުސްއެއް ބިނާކުރަން ނިންމީ،" ޝާހިދު ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ހިއްސާދާރުން ވަނީ އެމީހުންގެ ކަންބޮޑުވުންތައް ވެސް ހިއްސާ ކޮށްފަ އެވެ. އެގޮތުން ކުންފުންނަށް ލިބެން ހުރި ފައިސާ ތަކެއް ހުރުމާއި އަދި ކުރީގެ އޮޑިޓް ރިޕޯޓުން އެސްޓީއޯއަށް ލިބެންޖެހޭ ކަމަށް ދައްކައި ފައިސާ ނުލިބޭތީ ހިއްސާ ދާރުން ވަނީ އެކަމާ ޝަކުވާކޮށްފައި އެވެ.

"ލިބެންޖެހޭ ފައިސާ ވަރަށް ބޮޑުކޮށް މިދައްކަނީ. އިންޓަރެސްޓާއި މި އެއްޗިހިލައިގެން ވަރަށް ބޮޑަށް އަޅުގަނޑުމެންގެ ފައިސާތަކެއް އެބަނެގޭ. މިކަން ކުޑަ ކުރަން އެބަޖެހޭ،" ހިއްސާ ދާރަކު ހިޔާލު ފާޅުކުރެއްވި އެވެ. އަދި އެހެން ހިއްސާދާރަކު ވިދާޅުވި އެވެ؛ "މި އޮތީ އޮޑިޓް ރިޕޯޓުން ލިބެންޖެހޭ ފައިސާތަކެއް ހުރިކަން އެގެން. އަޅުގަނޑުމެންގެ މި ހައްގު ކޮން ދުވަހަކުންތޯ ހޯދައިދެއްވާނީ؟"

އެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވީ، ކުންފުންޏަށް ނުލިބި ހުރި ފައިސާގެ މައްސަލަ ބަލަނީ ރިޔާސީ ކޮމިޝަނުން ކަމަށާއި ކުންފުނިން އަމިއްލައަށް އެކަންތައް ނުބަލާ ކަމަށެވެ.

އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުގައި، 2009 ވަނަ އަހަރު 140 މިލިއަން ރުފިޔާގެ ސާފު ފައިދާވި ކުންފުންޏަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުުނީ 118.9 މިލިއަން ރުފިޔާއެވެ. މިއީ 15 ޕަސަންޓުގެ ދަށްވުމުކެވެ. އެ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކުންފުނީގެ ހިންގުމުގެ ހަރަދުތަކާއި ފައިނޭންސިން ހަރަދުތައް މިދިޔަ އަހަރު މައްޗަށް ދިއުމެވެ.

ނަމަވެސް، މިދިޔަ އަހަރު ކުންފުނީގެ ވިޔަފާރި އާމްދަނީ ހަތަރު ޕަސަންޓް އިތުރުވެ، ހަތަރު ބިލިއަން ރުފިޔާ އަށް ވަނީ އަރައިފަ އެވެ. ދެހާސް ނުވަ ވަނަ އަހަރު އެކުންފުނިން ކޮށްފައި ވަނީ 3.8 މިލިއަން ރުފިޔާގެ ވިޔަފާރި އެވެ.