01 Sep 2016, 08:26
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އައިސްލެންޑް ޓީމުން ވިދާލި ފޯވަޑް ކޮލްބެއިން ސިގްތޯސަން ލޯނުގެ ދަށުން ތުރުކީގެ ގަލަތަސަރާއީއާ ގުޅިއްޖެއެވެ.
ފްރާންސްގެ ނަންޓޭސް އިން ލޯނުގެ ދަށުން މި ސީޒަނުގައި ގަލަތަސަރާއީއާ ސިގްތޯސަން ގުޅުނު ގުޅުނު ނަމަވެސް، 3.8 މިލިއަން ޔޫރޯއަށް އަންނަ އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ދާއިމީކޮށް އޭނާ ގެންދެވޭ ގޮތަށް ނަންޓޭސްއާ އެކު އެއްބަސްވުން ހަދާފައިވެއެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު އަޔެކްސް އިން ނަންޓޭސްއަށް ގުޅުނު ސިގްތޯސަންއަށް 29 މެޗުން ކާމިޔާބު ކުރެވިފައިވަނީ ހަތަރު ލަނޑެވެ. މި ސީޒަނުގެ ފްރާންސް ލީގުގައި ނަންޓޭސްއަށް އޭނާ ކުޅުނު ދެ މެޗުގެ ތެރެއިން އެއްވެސް މެޗެއްގައި ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
"އަހަރެން ވަރަށް އުފާވެއްޖެ. ގަލަތަސަރާއީ އަކީ ބޮޑު ކްލަބެއް. އަދި ވަރުގަދަ ތާރީހެއް ހިމެނޭ ކްލަބެއް. މި ކްލަބަށް އާދެވުމުން އުފާކުރަން. އަހަރެންނަށް ގަލަތަސަރާއީ އިން ހުށަހެޅުން އައުމުން ނޫނެކޭ ނުބުނެވުން. ވީހާވެސް އަވަހަކަށް ޓީމުގެ ކުޅުންތެރިންނާއި، ޓެކްނިކަލް ޓީމާ ބައްދަލުކުރަން އަހަރެން ބޭނުން،" ސިގްތޯސަން ބުންޏެވެ.
ފްރާންސްގައި މި އަހަރު ކުރިއަށްދިޔަ ޔޫރޯގެ ކުއާޓާ ފައިނަލަށް ދަތުރުކޮށް، ގިނަ ބަޔަކު ހައިރާންކޮށްލި އައިސްލެންޑް ޓީމަށް ސިގްތޯސަން އެ މުބާރާތުގައި ދެ ލަނޑު ކާމިޔާބުކޮށްދިނެވެ.