01 Sep 2016, 01:41
ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވި ޑޭވިޑް ލުއިޒް އެނބުރި ޗެލްސީއަށް ބަދަލުކުރުމަށް ދެޓީމުގެ މެދުގައި އެއްބަސްވުމަކަށް އަތުވެއްޖެއެވެ.
ޓްރާންސްފާ ބާޒާރުގެ އެންމެ ފަހު ދުވަހު ޕީއެސްޖީން، އުމުރުން 29 އަހަރުގެ ލުއިޒް ޗެލްސީއަށް ވިއްކާލަން އެއްބަސްވީ 34 މިލިއަން ޕައުންޑަށެވެ. އެއީ 2014 ވަނަ އަހަރު ޗެލްސީން ރިކޯޑް ފީއަކަށް ޕީއެސްޖީއަށް ބަދަލުވި އަގަށް ވުރެން ހަ މިލިއަން ޕައުންޑް މަދު އަދަދެކެވެ.
މީގެ ދެ އަހަރު ކުރިން ޕީއެސްޖީއަށް ލުއިޒް ބަދަލުވާ އިރު އޭނާއަށް ވަނީ އޭރު ޗެލްސީގެ ކޯޗުކަމާ ހަވާލުވި ހޯޒޭ މޮރީނިއޯގެ ފުރަތަމަ 11 އިން ވެސް ޖާގަ ގެއްލިފައެވެ. އަނެއްކޮޅުން މިއަދު އޭނާ ޗެލްސީއަށް ބަދަލުވިއިރު އެ ޓީމްގެ ކޯޗު ކަމުން މޮރީނިއޯ ވަކިކޮށް ޓީމަށް ވަނީ އިޓަލީގެ އެންޓޯނިއޯ ކޮންޓޭ ހަމަ ޖައްސާފައެވެ.
ޗެލްސީ އިން ޑޭވިޑް ލުއިޒް އަލުން އަނބުރާ އެ ޓީމަށް ގެންނަނީ މުހިންމު ދެ ޑިފެންޑަރުން ޓީމް ދޫކޮށް ދިއުމުން ކޯޗު ކޮންޓޭގެ އިރުޝާދުގެ ދަށުންނެވެ.
ލުއިޒް ވަނީ 2010 އިން 2014 އަށް ޗެލްސީއަށް 143 މެޗު ކުޅެ 12 ލަނޑު ޖަހައިދީފައެވެ. އޭގެ ތެރޭގައި 2012 ވަނަ އަހަރު ޗެމްޕިއަންސް ލީގު ޗެލްސީއަށް ހޯދައިދިނުމަށް ބަޔާން މިއުނިކް ކޮޅަށް ޖެހި ޕެނަލްޓީއާއި 2013 ވަނަ އަހަރުގެ ޔޫރޮޕާ ލީގު ފައިނަލްގައި ބެންފިކާ ކޮޅަށް ޖެހި ލަނޑު ހިމެނެއެވެ.
ލުއިޒްގެ އިތުރުން ޗެލްސީން ވަނީ ސްޕެއިންގެ މިޑްފިލްޑަރު މާކޯސް އެލަންސޯ އިޓަލީގެ ފިއޮރިންޓީނާއިން ގެނެސްފައެވެ.