ފުލުހުންނާއި ސިފައިންނަކީ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނީ ސަރުކާރު ނަގަހައްޓާނެ ކަމުގެ ހުވާ ކޮށްގެން ތިބި ބައެއް ކަމަށާއި އެމީހުނާ ނުކުޅެވޭނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.

ޗެނަލް 13ގެ ނިއުސްޓޯކް ޕްރޮގްރާމްގައި ބުދަ ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން އަޒްލީން ވިދާޅުވީ، ފުލުހުންނާއި ސިފައިން ތިބީ ވަރަށް ސާބިތުކަމާ އެކުކަމަށެވެ.

ދިވެހި ސިފައިންނާއި ފުލުހުންނަކީ ދިވެހީންނޭ. ކުލީ ސިފައިނެއްނޫނޭ އެއީކީއެއް. ދިވެހި ލޮބުވެތި ރައްޔިތުންއެއީ. ދިވެހީންގެ ލޭ ހިނގާފަ ހުރި ދިވެހީންގެ ތެރޭގައި އެ ޖޯޝާއި ޝައުގުވެރިކަން މާތްވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނީ ސަރުކާރު ނަގަހައްޓާނެ ކަމުގެ ހުވާ ކުރައްވައިގެން ތިއްބެވި ބޭފުޅުން. އެބޭފުޅުންނަކާ ނުކުޅެވޭނެ އިނގޭތޯ.ހޯމް މިނިސްޓަރު އަޒްލީން

އޭނާ ވިދާޅުވީ، ކިތަންމެ ވަރަކަށް ސިފައިންނާ ފުލުހުންގެ ތެރެއަށް ލާރިއުކަން އުޅުނަސް އެއީކީވެސް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެމީހުންނަކީ އެއަށްވުރެ މާ ވަރުގަދަ ޝަޚްސިއްޔަތުންތަކެއް ކަމަށެވެ.

ރާއްޖޭގެ ވެރިކަން ވައްޓާލަން އުޅޭ ކަމަށް އަޑުފެތުރިފައިވާ މިދަނޑިވަޅުގައި އަޒްލީން ވިދާޅުވީ "ކްރިސްޓިއަނުންނާއި ޔަހޫދީންގެ ކައިރިއަށްގޮސް މިގައުމުގެ ވެރިކަން ވައްޓާލަން" ކުރާ މަސައްކަތަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ބަޣާވާތަކުން ނަމަވެސް ރާއްޖޭގެ ވެރިކަން ވައްޓާލަން އުޅެނީ ފަތުރުވެރިކަން ފަދަ ރާއްޖެއަށް އާމްދަނީ ލިބެން އޮތް ކަންކަން ފުނޑުފުނޑު ކޮށްލުމަށްޓަކައި ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެ ވަޑައިގެން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ޗެލެންޖުކުރުމަށްފަހު ރައްޔިތުންގެ ތާއީދު ހޯއްދަވަން މަސައްކަތް ކުރެއްވުމަށް އަޒްލީން ވަނީ ރާއްޖެއިން ބޭރުގައި ތިއްބެވި އިދިކޮޅު ސިޔާސީ ލީޑަރުންނަށް ގޮވައިލައްވާފައެވެ.

"ރައްޔިތުންގެ ލޯތްބާއި އަޅާލުން ނުލިބިއެއް ވެރިކަމެއް ނުލިބޭނެ އިނގޭތޯ ކިތަންމެ ވަރަކަށް ބަޣާވާތް ކުރަން އުޅުނަސް. ބީބީސީއާ ދެން ހުރިތަނަކަށް ފާޑުފާޑު ރިޕޯޓު ހަދައިގެން ދުވަހަކު ދިވެހިރާއްޖޭގެ ތާރީޚުގައި ހިނގާފައި ނެތް ކަންތައްތައް، ނުކުރާ ބައެއްގެ ބޮލުގައި އަޅައިގެން މިހުރިހާ ގަނޑެއް ގަންނަން މިއުޅެނީ ކީއްވެ،" އަޒްލީން ވިދާޅުވިއެވެ.

ރާއްޖޭގެ ރައީސަކު ވައުދުވެވަޑައިގަތް ހުރިހާ ވައުދެއް ފުރަތަމަ ފަހަރަށް ފުއްދަވައިދެއްވުމަށްފަހު އިދިކޮޅު ފަރާތްތަކުގެ މައްޗަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކާމިޔާބު ހޯއްދަވާނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

"އެއްވެސް ބަޔަކު އިދިކޮޅުގައި ތިބެގެން ވެރިކަން ބޭނުންވާ ކަމަށްވެއްޖެއްޔާ އެންމެ ބޮޑަށް ކުރަންވީ ކަމަކީ ރައްޔިތުންނަށް ސާބިތުކޮށްދެއްވާ. ރައީސް ޔާމީނާ ވާދަކުރައްވާ ޕޮލިޓިކަލީ. ވާދަކުރައްވާފަ ވަޑައިގަންނަވަންވީ. ތިމަންނަމެންގެ އެޖެންޑާ އަކީ މިއީއޭ. ރައީސް ޔާމީން އިރާދަކުރެއްވިއްޔާ ފުރަތަމަ ފަހަރަށް ރާއްޖޭގެ ރައީސަކު ވައުދުވި ހުރިހާ ވައުދުތަކެއް ފުއްދަވާފަ 2018 ފަސޭހަކަމާ އެކު މިމީހުންގެ މައްޗަށް ކާމިޔާބު ހޯއްދަވާނެ،" އަޒްލީން ވިދާޅުވިއެވެ.