ދައުލަތުގެ ބަޖެޓަށް މަކަރުހެދި މައްސަލައެއްގައި ސަސްޕެންޑުކޮށްފައި ހުރި ބްރެޒިލްގެ ރައީސާ ޑިލްމާ ރޫސެފް، އެގައުމުގެ ގާނޫނު ހަދާ މަޖިލީސް މެދުވެރިކޮށް މަގާމުން ވަކިކޮށްފިއެވެ.

އިކޮނޮމިސްޓެއް ކަމުގައިވާ ޑިލްމާ ބްރެޒިލްގެ ރައީސްކަމަށް ވަޑައިގަތީ 2011 ވަނަ އަހަރުގެ ތެރޭގައެވެ. އެހެން ނަމަވެސް ޑިލްމާއާ ގުޅޭގޮތުން ކޮރަޕްޝަންގެ ތުހުމަތުތައް ގިނަ ބަޔަކު ދިޔައީ ކުރަމުންނެވެ.

ޑިލްމާ ރައީސާގެ މަގާމުން މިދިޔަ މެއި މަހު ސަސްޕެންޑު ކުރީ އެގައުމުގެ ބަޖެޓު އޮޅުވާލި މައްސަލައެއްގައެވެ. އެމައްސަލައިގައި ޑިލްމާގެ މައްޗަށް ދައުވާ ކޮށްފައިވާ އިރު، އޭނާ އެ ދައުވާއަށް އިންކާރު ކުރައްވައެވެ.

ބަޖެޓަށް މަކަރުހަދައި އޮޅުވާލުމަކީ ބްރެޒިލްގެ ގާނޫނާ ޚިލާފު ކަމެކެވެ.

ޑިލްމާ ރައީސާގެ މަގާމުން ވަކިކުރުމަށް މިއަދު އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ ނުވަތަ ސެނެޓުގެ އަގުލަބިއްޔަތުންނެވެ. ޑިލްމާ މަގާމުން ވަކިކުރުމަށް ސެނެޓުގެ ތިންބައި ކުޅަ ދެބައި އަޣުލަބިއްޔަތު ބޭނުންވާ އިރު، އޭނާ ވަކިކުރުމަށް 61 މެމްބަރުން ވޯޓު ދިނެވެ. އޭނާ ވަކިކުރުމާ ދެކޮޅަށް 20 މެމްބަރުން ވޯޓު ދީފައި ވެއެވެ.

ޑިލްމާއަށް ފާޑު ކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، ޑިލްމާ ބްރެޒިލްގެ ބަޖެޓަށް އޮޅުވާލައި މަކަރު ހެއްދެވީ، ސަރުކާރުން ފަށާފައި ހުރި އިޖްތިމާއީ މަޝްރޫއުތަކުގައި ހެދިފައިވާ ޑެފިސިޓްތައް ފޫބެއްދުމަށެވެ. އަދި އެކަން އޭނާ ކުރެއްވީ ރިޔާސީ ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމަށް ރައްޔިތުންގެ ތާއީދު ހޯދުމަށް ކަމަށް ވެސް ގިނަ ބަޔަކު ބުނެއެވެ.

އެހެން ނަމަވެސް މި ހުރިހާ ކަމަކަށް ޑިލްމާ އިންކާރު ކުރައްވައެވެ.