އާމިރު ޚާން އަކީ ބޮލީވުޑުގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރެއިން ކުރީ ސަފުން ޖާގަ ހޯދާ ފަންނާނެކެވެ. އާމިރު ވަނީ ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެ ގިނަ ރެކޯޑުތަކެއް ހަދައިފައެވެ.

ބޮލީވުޑުގެ ފަންނާނުން ހޮލީވުޑަށް މިސްރާބު ޖަހާފައި ވާއިރު، އާމިރު އެފަދަ ވިސްނުމެއް ގެންގުޅޭތޯ ގިނަ ބަޔަކު އަންނަނީ ސުވާލު ކުރަމުންނެވެ. އިންޑިއާގެ މުމްބާއީގައި ކުރިއަށް ދިޔަ ޕެނަލް ޑިސްކަޝަން އެއްގެ ތެރެއިން ވެސް އާމިރަށް ވަނީ އެ ސުވާލަށް ޖަވާބު ދޭން ޖެހިފައެވެ.

ނޫސްވެރިން ކުރި ސުވާލަށް ޖަވާބު ދެމުން އާމިރު ބުނީ ހޮލީވުޑަށް ނުކުތުމުގެ މާބޮޑު ޝައުގުވެރިކަމެއް ނެތް ކަމަށެވެ. އަދި މީގެ ކުރިން އޭނާއަށް ހޮލީވުޑް ފިލްމު ކުޅުމުގެ ފުރުސަތު ލިބިފައިވާ ކަމަށާއި، އޭނާއަށް ކަމުދާ ސްކްރިޕްޓަކާ ދިމާވެފައި ނުވާ ކަމަށެވެ.

"ކޮންމެހެން ހޮލީވުޑް ފިލްމު ކުޅޭކަށް އަހަރެންގެ ޝައުގުވެރިކަމެއް ނެތް. އަހަރެން ޝައުގުވެރި ވަނީ މޮޅު ސްކްރިޕްޓު ތަކަށް. އެއީ އަހަރެންގެ ހިތާ ކުޅެލާނެ ފިލްމަކަށް ވާން ޖެހޭނެ،" އޭނާ ބުންޏެވެ.

އާމިރު އިތުރަށް ބުނީ ހިންދީ ފިލްމެއް ކުޅޭ އިރު ކުރެވޭ އިހުސާސް ހޮލީވުޑު ފިލްމެއް ކުޅޭއިރު ނުކުރެވޭނެ ކަމަށެވެ.

"އަހަރެން ހޮލީވުޑް ފިލްމު ކުޅެން ޝައުގުވެރިކަން ނެތީ، ހިންދީ ފިލްމު ބަލާ މީހުންނާ އަހަންނާ ދެމެދު އުފެދިފައިވާ އިމޯޝަނަލް ގުޅުމުގެ ސަބަބުން. މިއީ 27 އަހަރުވީ ގުޅުމެއް. އެއީ އަހަރެން ވަރަށް ބޮޑަށް ގަދަރު ކުރާ ގުޅުމެއް. އަހަރެން ބޭނުމެއް ނޫން އަހަރެންގެ އޯޑިއެންސް ދޫކޮށްލާކަށް،" އާމިރު ބުންޏެވެ.

އާމިރު ބުނީ މޮޅު ސްކްރިޕްޓެއް ނަމަ، ހޮލީވުޑް ފިލްމެއް ވިޔަސް ނުވަތަ ޗައިނާ ފިލްމެއް ވިޔަސް ކުޅޭނެ ކަމަށެވެ.