01 Jun 2011, 12:58
މާފުށީ ޖަލުގައި ބަޑި ޖަހައި ގައިދީންތަކެއް މަރާލި މައްސަލާގައި ޝާމިލްވާ ސިފައިން މަރަން ކުރީގެ ޖިނާއީ ކޯޓުން ކުރި ހުކުމް، ޖަލު ހުކުމަށް ބަދަލު ކުރުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ނިންމެވުމުން ޖަލު ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީން ކުރީގެ ސަރުކާރުގައި މުޖުތައުއަށް ދޫވެފައިވަނިކޮށް އެ މީހުންގެ ތެރެއިން ތިން މީހަކު އަލުން ޖަލަށް ބަދަލުކޮށްފި އެވެ.
މާފުށީ ޖަލުގައި ބަޑި ޖެހި މައްސަލާގައި މަރަން ހުކުމް ކުރި މީހުން ޖަލުހުކުމަށް ބަދަލުކޮށް، ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދަނިކޮށް ކުރީގެ ސަރުކާރުގައި ޖަލުތަކުން އެ މީހުން ދޫވެފައިވާ މައްސަލާގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނައީމް )މޮނާޒާ ނައީމް( މިއަދު ވިދާޅުވީ، މާފުށީ ޖަލުގައި ބަޑިޖެހި މައްސަލާގައި ހުކުމް ކުރި ސިފައިން ފުރަތަމަ ތިބީ މާފުށީ ޖަލުގައި ކަމަށެވެ. އަދި އޭރު މާފުށީ ޖަލުގެ ހާލަތު ހުރި ގޮތުން އެ މީހުންގެ ފުރާނައަށް ނުރައްކާވެދާނެކަމަށް ޖަލާ ހަވާލުވެގެން ހުންނެވި ބޭފުޅަކު ހޯމް މިނިސްޓްރީއަށް އަންގާފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން އެ މީހުން ދެން ބަދަލު ކުރީ ދޫނިދޫ ޖަލަށް ކަމަށް ވެސް ނައީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދޫނިދޫގެ ޖަލަކީ ގައިދީންނަށް އެކަށޭނަ ޖަލެއް ނޫން ކަމަށް ބަޔަކު ކުރި ޝަކުވާއަކާ ގުޅިގެން، އެ މީހުން ދޫނިދޫގައި ބޭތިއްބެން ނެތް ކަމަށް އޭރުގެ ފުލުސް އޮފީހުން ހޯމް މިނިސްޓްރީއަށް އަންގާފައިވާ ކަމަށާއި އޭރުގެ ހޯމް މިނިސްޓްރީއަށް ފުލުހުން އެނގުމާއެކު އެ މައްސާގެ "ކޮޅު" ގެއްލިފައިވާ ކަމަށެވެ. އޭރު ހޯމް މިނިސްޓަރަކަށް ހުންނެވީ މިހާރުގެ ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އެވެ.
"އެ މީހުން ތިބީ މާފުށީ ޖަލުގައި. މާފުށީ ޖަލުގައި އެ މީހުން ބޭތިއްބެން ނެތް ކަމަށް މާފުށީ ޖަލުގައި އޭރު ހުންނެވި ބޭފުޅާވަނީ ސިޓީއެއް ފޮނުވާފަ. އަދި އެ ހުކުމް ކުރި މީހުންނަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެފައިވޭ. އޭގެ ފަހުން އެ މީހުން ތިބެނީ ދޫނިދޫގައި ބައިތިއްބާފަ. ދޫނިދޫގައި ބައިތިއްބައިފައި ވަނިކޮށް، ދޫނިދޫއަކީ ޖަލެއް ނޫން ކަމަށް ބުނެ، ކޮންމެވެސް ބަޔަކު ޝަކުވާކޮށްގެން ނަމަވެސް، ނުވަތަ ފުލުހުންނަށް ފެނިވަޑައިގެން )ނަމަވެސް( ބޭތިންބެން ނެތް ކަމަށް ބުނެ، ދެން އެ މީހުންނަށް ހަދާނެ ގޮތެއް ހޯދަން ހޯމް މިނިސްޓްރީއަށް ދަންނަވާފައި އޮންނަނީ. އޭރު ހޯމް މިނިސްޓްރަކީ އަހުމަދު ތަސްމީން އަލީ، ދެން އެހިސާބުން އޭގެ ކޮޅު ގެއްލިފަ އޮންނަނީ،" ނައީމް ވިދާޅުވި އެވެ.
ނައީމް ވިދާޅުވީ އެ މީހުން މުޖުތަމައުމަށް ދޫވިކަން އެންގުމާއެކު އެ މީހުން އަތުލައިގަތުގެ މަސައްކަތް ފެށި ކަމަށާއި އެ ގޮތުން ތިން މީހަކު މިހާރު ޖަލަށް ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މީހުންގެ ނަމާއި އެ މީހުން ބަދަލު ކުރި ޖަލެއް ވިދާޅެއް ނުވެ އެވެ.
ޖަލުގައި ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް އުމުރުން 19 އަހަރުގެ ހަސަން އީވާން ނަސީމް, ސެޕްޓެމްބަރު 19، 2003 ވަނަ ދުވަހުގެ ރޭ މަރުވި ހާދިސާގެ ތުހުމަތުގައި ދައުލަތުން ދައުވާކުރީ 12 މީހެއްގެ މައްޗަށެވެ. އޭގެ ތެރެއިން އޭނާ މަރާލުމުގެ ކުށް ސާބިތުވެގެން އަށް މީހެއްގެ މައްޗަށަށް މަރު ހުކުމް އިއްވާފައިވެ އެވެ. އަދި އެނާ މަރާލުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެގެން އެކަކުގެ މައްޗަށް ޖިނާއީ ކޯޓުން ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ. ނަމަވެސް އެ މައްސަލާގައި ޝާމިލްވެގެން މަރަށް ހުކުމް ކުރި މީހުގެން ތެރޭގައި ހިމެނޭ މއ. ދިހި، އާދަމް މުހައްމަދުގެ ކުށެއް ނެތް ކަމަށް 2006 އަހަރު ހައިކޯޓުން ހުކުމް ވަނީ ހުކުމްކޮށްފަ އެވެ. އޭނާއަކީ އޭރުގެ އެންއެސްއެސް ކެޕްޓަން ކަމުގެ ރޭންކުގައި ހުންނެވި އަދި މާފުށީ ޖަލުގެ ސިކިއުރިޓީ ބަލަހައްޓާ ޔުނިޓުގެ އޮފިސަރު އިންޗާޖުގެ މަގާމުގައި ހުންނެވި ވެރިޔާ އެވެ.
އީވާން މަރާލުމުގެ ކުށް ސާބިތުވެގެން ފެބްރުއަރީ 24، 2005 ވަނަ ދުވަހު މަރަށް މަރު ކުހުމް އިއްވި އަށް މީހުންނަކީ އޭރު ޖަލުގެ ސަލާމަތީ ކަންތައް ބަލަހައްޓަމުން ދިޔަ އެންއެސްއެސް މިހާރުގެ އެމްއެންޑީއެފްގެ ޕްރައިވެޓުން ކަމަށްވާ ހ. ހިރަވެރި, ބަދުރު މުހައްމަދާއި ސ. ފޭދޫ ޔެލޯ ހައުސް, މުހައްމަދު ޝިއުނީޒާއި ސ. ހުޅުދޫ އިރުދޭމާގޭ އަބްދުﷲ އިބްރާހީމާއި ނ. ހޮޅުދޫ ބަގީޗާގޭ އިބްރާހިމް ރަމީޒާއި މ. ކޮޅުފުށީ އަސްރަފީގޭ އަހުމަދު ނިޔާޒާއި ވ. ކެޔޮދޫ ހިޔަލީ ގުލްޝަން ޝިޔާދު މުފީދާއި މ. މުލަކު އަލަމާގޭ މުހައްމަދު މަންސޫރާއި ތ. ތިމަރަފުށީ އިރުވައިގޭ އަހުމަދު ރިޔާޒެވެ. އީވާން މަރާލުމުގައި ބައިވެރިވުމުގެ ކުށުގައި, ސެޕްޓެމްބަރު 18 2005 ވަނަ ދުވަހު ޖިނާއީ ކޯޓުން މަރަން ހުކުމް އިއްވީ ތ. ތިމަރަފުށީ ވިލާޑިލައިޓް އަބުދުﷲ ހަސަންގެ މައްޗަށެވެ.
ސިފައިންގެ އަނިޔާތަކުގައި އީވާން މަރުވެގެންދިޔަ ހާދިސާއާ ގުޅިގެން ސެޕްޓެމްބަރު 20، 2003 ވަނަ ދުވަހު މާފުށީ ޖަލުގައި ކުށްވެރިންނާއި ސިފައިންނާ ދެމެދު ހިނގި ހަމަނުޖެހުމުގައި ސިފައިން ބަޑި ޖެހުމާ ގުޅިގެން ތިން މީހަކު މަރުވި އެވެ. އެއީ މ. ބިންއުނިމާގޭ އަބްދުﷲ އަމީނާއި ގއ. ވިލިނގިލީ ޖަނަވަރީމާގޭ އަހްމަދު ޝިޔާޒާއި ޅ. ނައިފަރު ސިނަމާގޭ އަލީ އަސްލަމެވެ. އަދި 16 މީހުންނަށް އަނިވެފައިވެ އެވެ.