31 Aug 2016, 23:42
"ސައުންޑްސް އޮފް މޯލްޑިވްސް" އިން މިއަހަރު ބެންކޮކްގައި ބާއްވާ ޝޯވ، "ވިޒިޓް މޯލްޑިވްސް އިޔާ"ގެ ހަރަކާތެއްގެ ގޮތުގައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އެންޑޯސް ކޮށްފިއެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ އަހަރު ނުވަތަ "ވިޒިޓް މޯލްޑިވްސް އިއާ" އަކީ ރާއްޖެއަށް މިއަހަރު ނިމުމުގެ ކުރިން 1.5 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒާއެކު އެމްއެމްޕީއާރުސީން ހިންގަމުން އަންނަ ހަރަކާތެކެވެ. އެ ހަރަކާތުގެ ދަށުން އެމްއެމްޕީއާރުސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ސައުންޑްސް އޮފް މޯލްޑިވްސް އިންތިޒާމްކުރާ ރާއްޖޭގެ ތަޖުރިބާކާރު އިވެންޓް މެނޭޖްމަންޓް ކުންފުނި ހައިރައިޒްގެ ޑިރެކްޓަރު އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) ވިދާޅުވީ، މިއަހަރު ތައިލެންޑުގެ ބެންކޮކުގައި ބާއްވާ ސައުންޑްސް އޮފް މޯލްޑިވްސްގެ ހަތް ވަނަ ޝޯވ އަށް އެހީތެރިކަން ފޯރުކޮށްދީ، ޕްރޮމޯޓް ކުރުމަށް އެމްއެމްޕީއާރުސީން މިއަދު އެންޑޯސް ކޮށްފައިވާ ކަމަށެވެ.
"މިއަހަރުގެ ސައުންޑްސް އޮފް މޯލްޑިވްސް ކުރިއަށްގެންދާނީ ރޯޑް ޝޯވ އެއްގެ ގޮތުގައި. އެމްއެމްޕީއާރުސީން މި އިވެންޓަށް އެންޑޯސް ކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމާއި ރާއްޖެ ޕްރޮމޯޓްކުރުމަށް ލިބުނު ހިތްވަރެއް،" ހައިރައިޒް އިއްސެ ވިދާޅުވިއެވެ.
ސައުންޑްސް އޮފް މޯލްޑިވްސްގެ ހަ ޝޯވ އެއް މިހާތަނަށް ކާމިޔާބު ކަމާއެކު ބާއްވާފައިވާއިރު، މިއަހަރުގެ ޝޯވ ކުރިއަށްގެންދިއުމަށް ހައިރައިޒް އިން ވިސްނާފައިވަނީ ދެ ދުވަހުގެ ރޯޑް ޝޯއެއްގެ ގޮތަށެވެ.
އެގޮތުން މިއަހަރުގެ ޝޯގައި ދިވެހި ފަންނާނުންގެ ހުނަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ކުންފުނިތައް ވެސް ބައިވެރިވާނެ ކަމަށް ހައިރައިޒް އިން ބުނެއެވެ.
ބެންކޮކުގައި ބާއްވާ ޝޯވ ބާއްވާނެ ތަނެއް އަދި ތާރީހެއް ނިންމާފައިނުވާއިރު، އެ ޝޯވގައި ޕާފޯމް ކުރާނެ ފަންނާނުން މިހާރު ދަނީ އިއުލާން ކުރަމުންނެވެ.
އެގޮތުން މިހާތަނަށް ހުށަހަޅައިދޭން ނިންމާފައިވާ ފަރާތްތަކުގެ ތެރޭގައި ރާއްޖޭގައި އެންމެ މަޝްހޫރު ހަބޭސް ބޮޑުބެރު ގުރޫޕާއި ސޯލޯ އާޓިސްޓް ރިޝްވާން (ރިއްޓެ) އާއި ޑީޖޭ އަލީ ފަޒީލް (ޑީޖޭ އަލީ)ގެ އިތުރުން މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ) ހިމެނެއެވެ.
ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން ސައުންޑްސް އޮފް މޯލްޑިވްސްގެ ޝޯތައް ބާއްވަމުން އަންނަ އިރު، ރާއްޖޭގެ ވެރިރަށް މާލެއާއި ކުޑަ ބަނޑޮހުގެ އިތުރުން ސްރީލަންކާގެ ކޮޅުބުގައާއި މެލޭޝިއާގެ ވެރިރަށް ކުއަލަ ލަންޕޫރް އަދި އިންޑިއާގެ ބެންގަލޫރުގައި ބާއްވާފައިވާއިރު، އެ ޝޯވ އެންމެ ފަހުން ބާއްވާފައިވަނީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ސިޓީ، ދުބާއީގައެވެ.