31 Aug 2016, 21:27
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެއަށް ފުލުހުން ވަދެ، އެގެ ބަލައި ފާސްކޮށްފި އެވެ.
ކެނެރީގެއަށް ފުލުހުން ވަނީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލްބާރީ ޔޫސުފް ސޮއިކުރައްވައި، މިއަދު ނެރުއްވި ކޯޓު އަމުރެއްގެ ދަށުންނެވެ.
އެ ކޯޓު އަމުރުގައި ބުނެފައިވަނީ، ގ. ކެނެރީގެއަށް ފުލުހުން ވަދެ އެގެ ބަލައި ފާސްކުރަން ބޭނުންވަނީ "ދިވެހިރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ރާވައި، ސަރުކާރު ވައްޓާލުމަށް މީހުންގެ އެހީތެރިކަން ހޯދައި، ދައުލަތުގެ މުއައްސަސާތަކުގައްޔާއި އާންމު ރައްޔިތުންނާ މެދު ފިތުނަ ފަސާދަ އުފައްދައި، މާލެ ތެރޭގެ އާންމު މަސްލަހަތު ނަގާލައި، މާލެ ތެރޭގައި ހަމަނުޖެހުން ހިންގުމަށް ގ. ކެނެރީގޭގައި ރާވަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ"އަކާ ގުޅޭ ހެއްކާއި ގަރީނާ ހޯދުމަށް ކަމަށެވެ.
ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މިރޭ 8:45 އާއި 9:20 އާ ދެމެދު، ކޯޓު އަމުރެއްގެ ދަށުން ގ. ކެނެރީގެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
ރައީސް ނަޝީދުގެ ދެބެއިންގެ ދެދަރި ބޭފުޅެއް ކަމުގައިވާ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ސަން އަށް ވިދާޅުވީ، ގ. ކެނެރީގެ ބަލައި ފާސްކުރުމަށްފަހު، އެގެއިން އެއްވެސް އެއްޗެއް ފެނިފައި ނުވާކަމަށް ފުލުހުން ބުނި ކަމަށާއި، އެކަމާ މެދު ލިޔުމުން މުއާމަލާތް ކުރާނެ ކަމަށް ފުލުހުން ބުނި ކަމަށެވެ.