31 Aug 2016, 20:27
ދުނިޔޭގެ މަޝްހޫރު ޓްރެވަލް މެގަޒިން ކޮންޑެ ނާސްޓް ޓްރެވެލާއިން ދޭރީޑާޒް ޓްރެވަލް އެވޯޑްސްގައި، ދުނިޔޭގެ އެންމެ ހިތްގައިމު ޖަޒީރާގެ އެވޯޑު ރާއްޖެއަށް ލިބިއްޖެއެވެ.
ކޮންޑެ ނާސްޓް ޓްރެވެލާގެ ކިޔުންތެރިންގެ މެދުގައި ނެގޭ ވޯޓަކުން ދޭ ކޮންޑެ ނާސްޓް ރީޑާސް ޓްރެވަލް އެވޯޑުގައި ރާއްޖެއަށް ލިބިފައިވަނީ ބެސްޓް އައިލެންޑް، ނުވަތަ ދުނިޔޭގެ އެންމެ ހިތްގައިމު ޖަޒީރާގެ އެވޯޑެވެ.
ރާއްޖެއަށް އެންމެ ހިތްގައިމު ޖަޒީރާގެ އެވޯޑު ލިބުނީ، ގްރީސްގެ ޖަޒީރާތަކާއި، ބަލެރިކް ޖަޒީރާތަކުގެ އިތުރުން އިންޑިއާ ކަނޑުގައި ރާއްޖެއާ އެކު އޮންނަ ސީޝެލްސްގެ ޖަޒީރާތަކާ ވާދަ ކޮށެވެ.
އިނގިރޭސި ވިލާތުގެ ލަންޑަނުގައި ބޭއްވި ކޮންޑެ ނާސްޓް ރީޑަޒް ޓްރެވަލް އެވޯޑްސް ހަފްލާގައި، ރާއްޖެއަށް ލިބުނު އެވޯޑާ ހަވާލުވެލެއްވީ އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރު އަހްމަދު ޝިއާން އެވެ.
މީގެ އިތުރުން، ބެސްޓް ހޮޓެލް ސްޕާގެ އެވޯޑު، ރާއްޖޭގެ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓަށް ލިބިފައިވާ އިރު، އިންޑިއާ ކަނޑާއި، އެފްރިކާ އަދި މެދު އިރުމަތީގެ އެންމެ ހިތްގައިމު ހޮޓެލްގެ އެވޯޑު ވެސް އެ ރިސޯޓަށް ލިބިފައި ވެއެވެ.