31 Aug 2016, 18:48
ގިނަ އަދަދެއްގެ ދިވެހީން ދަތުރުކުރާ ގައުމެއް ކަމުގައިވާ ސިންގަޕޫރުން މި ހަފްތާގައި ޒިކާ ވައިރަސް ފެނުމާ ގުޅިގެން، ރާއްޖޭގައި އެ ބަލިން ރައްކާތެރިވުމުގެ ރާއްޖޭގައި އަޅާ ފިޔަވަޅުތައް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ހަރުދަނާ ކުރަން ފަށައިފިއެވެ.
އެޗްޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޑެންގީ ފަތުރާ އީޑީޒް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޒިކާ ވައިރަސް ދުނިޔޭގެ ގިނަ ގައުމުތަކުން ފެނިފައިވާ އިރު، ރާއްޖޭގައި އެބަލި އުޅޭތޯ ބެލި ބެލުމުން މިހާތަނަށް ރާއްޖެއިން އެ ވައިރަސް ފެނިފައި ނުވާ ކަމަށެވެ.
އެހެން ނަމަވެސް ގިނަ އަދަދެއްގެ ދިވެހީން ޒިޔާރަތް ކުރާ ސިންގަޕޫރުން މި ހަފްތާ ތެރޭގައި ޒިކާ ވައިރަސް ފެނިފައިވާތީ، އެޗްޕީއޭއިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ގުޅިގެން އެކަމުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ހަރުދަނާ ކުރަމުން ދާ ކަމާށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ބުނީ ޒިކާ ވައިރަހަށް ޓެސްޓު ކުރުމުގެ އިންތިޒާމުތައް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
އެ އޭޖެންސީއިން ބުނީ ޒިކާ ވައިރަސް އުޅޭ ބައެއް ގައުމުތަކުގައި އުފަންވާ ކުދީންގެ، އުމުރާއި ޖިންސަށް ބަލާއިރު ހުންނަންޖެހޭ މިންވަރަށް ވުރެ ބޯ ކުޑަވުން ނުވަތަ މައިކްރޯސެފަލީ އިތުރުވާކަން ޔަގީންވެފައި އޮތް ނަމަވެސް ރާއްޖޭގައި އެ ހާލަތް އިތުރުވަމުން ނުދާ ކަމަށެވެ.
ޒިކާގެ އަލާމާތްތައް:
- ހުން އައުން.
- ގައިގައި ރިއްސުން.
- ހަމުގައި ރަތްކުލައިގެ ބިހިތަކެއް ނެގުން.
- ލޯ ރަތްވުން.
- ހުޅުހުޅުގައި ރިއްސުން.
- ބޮލުގައި ރިއްސުން.
ޒިކާ ވައިރަހުން ރައްކާތެރިވުމަށް ކުރެވޭނެ ބައެއް ކަންކަން:
- މަދިރި އާލާވާ ތަންތަން ނައްތާލުން.
- މަދިރި ރެޕެލެންޓް ބޭނުންކުރުން.
- މުޅި ހަށިގަނޑު ނިވާ ވާ ގޮތަށް، ދޫ ކޮށް ހެދުން އެޅުން.
- ކުޑަކުދިން، މާބަނޑު މީހުން، އުމުރުން ދުވަސްވީ މީހުން މަދިރި ހެފުމުން ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދިނުން.
- މާބަނޑު މީހުން ޒިކާ ވައިރަސް އުޅޭ ގައުމުތަކަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫން ދަތުރުތައް ނުކުރުން.