ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްރީލަންކާގައި ހުންނަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ، ދިވެހި ސަރުކާރު ވައްޓާލަން ކުރައްވާ މަސައްކަތްތަކެއް ކަމުގައި ނުބެލެވޭނެ ކަމަށް ސްރީލަންކާގެ ސަރުކާރުން ބުނެފިއެވެ.

ސްރީލަންކާގެ ކެބިނެޓްގެ ތަރުޖަމާނު ރާޖިތަ ސޭނާރަތުނައާ ހަވާލައިދީ، "ކޮލޮމްބޯ ގެޒެޓު"ގައި މިއަދު ބުނެފައިވަނީ ރައީސް ނަޝީދު ލަންކާގައި ހުންނަވައިގެން ކުރައްވާ މަސައްކަތަކީ ސްރީލަންކާ ކަންބޮޑުވާ ކަމެއް ނޫން ކަމަށެވެ.

ރާޖިތަ ވިދާޅުވީ، ނަޝީދު ނަންގަވަނީ ރާއްޖޭގެ ޑިމޮކްރަސީގައި ހުރި މައްސަލަތަކެއް ކަމަށާއި، އެހެންކަމުން އެއީ ދިވެހި ސަރުކާރު ވައްޓާލަން އެމަނިކުފާނު ކުރައްވާ މަސައްކަތެއް ކަމުގައި ނުބެލެވޭނެ ކަމަށެވެ.

ރައީސް ނަޝީދު 2008 ވަނަ އަހަރު ރާއްޖޭގެ ރައީސްކަމަށް ވަޑައިގަތުމުގެ ކުރިންވެސް ގިނަ ސިޔާސީ މަސައްކަތްތައް ކުރެއްވީ ސްރީލަންކާގައި ހުންނަވައިގެން ކަން ރާޖިތަ ވަނީ ފާހަގަކުރައްވައިފައެވެ.

"ރައީސް ނަޝީދު ސްރީލަންކާގެ އޭރުގެ ސަރުކާރަށް ޝުކުރުވެސް އަދާކުރައްވާފައިވޭ. ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރާ ދެކޮޅަށް ރައީސް ނަޝީދު މަސައްކަތް ކުރެއްވީ ލަންކާގައި ހުންނަވައިގެން. މިހާރުވެސް އެމަނިކުފާނު ލަންކާގައި ކުރައްވަމުން ގެންދަވަނީ އެފަދަ މަސައްކަތެއް ކަމަށް ބެލެވޭ،" ލަންކާ ކެބިނެޓުގެ ތަރުޖަމާނު ރާޖިތަ ސޭނާރަތުނަ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދު ލަންކާގައި ސިޔާސީ މަސައްކަތް ކުރައްވައިގެން، ދެގައުމުގެ ދެމެދުގައި އޮތް ގުޅުން މީގެ ކުރިން ހީނަރުވެފައި ނުވާ އިރު، މިހާރުވެސް އެ ގުޅުން ހީނަރުވެގެން ނުވާނެ ކަމަށެވެ.

އިނގިރޭސީންގެ ހިމާޔަތް ހޯއްދަވައިގެން އެގައުމުގައި އުޅުއްވާ ރައީސް ނަޝީދު ސްރީލަންކާ އަށް ވަޑައިގަތީ ކީއްވެގެންކަން އެނގިފައެއް ނުވެއެވެ.

އެމަނިކުފާނަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ކަރެކްޝަނަލް ސާވިސްގެ ހުއްދައާ އެކު ބޭސްފަރުވާ އަށް އިނގިރޭސިވިލާތައް ވަޑައިގެން ކުރައްވަމުން ގެންދަވަނީ އަމިއްލަ މަސައްކަތްތައް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.