31 Aug 2016, 17:46
އަންނަ ނޮވެމްބަރު މަހު އިނގިރޭސިވިލާތުގައި ބާއްވާ ހަތް ވަނަ ވޯލްޑް ކެރަމް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ކެރަމް ޓީމު އިއުލާންކޮށްފިއެވެ.
ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިއުލާންކުރި ގައުމީ ޓީމުގައި ހިމެނެނީ ފިރިހެން ހަތަރު ކުޅުންތެރިންނާއި އަންހެން ހަތަރު ކުޅުންތެރިންނެވެ.
ވޯލްޑް ކެރަމް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށްޓަކައި އިންޑިއާއާ ދެކޮޅަށް ރާއްޖޭން ކުޅުނު ޓެސްޓް ސީރީސް މެޗުތަކުގެ ތެރެއިން: އެ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނެނީ ހަތަރު ފިރިހެން ކުޅުންތެރިންނާއި ހަތަރު އަންހެން ކުޅުންތެރިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ގައުމީ ޓީމުގައި ހިމެނޭ ފިރިހެން ކުޅުންތެރިންނަކީ އަލީ އާޒިމާއި، ހުސައިން އަލީ އާއި، މުހައްމަދު މުންތަސިރު އަދި އަހްމަދު ހާމިދެވެ. އަންހެން ކުޅުންތެރިންނަކީ އައިޝަތު ފައިނާޒާއި، އައިމިނަތު ވިޝާމާ އާއި އައިމިނަތު ވިދާދު އަދި އައިމިނަތު ސުބާއެވެ.
ރާއްޖޭން އެ މުބާރާތަށް ތައްޔާރުވުމަށްޓަކައި، އިންޑިއާއާ އެކު ރާއްޖޭގައި ވަނީ ޓެސްޓް ސީރީސް މެޗުތަކެއް ދާދި ފަހުން ކުޅެފައެވެ. އެ މެޗުތަކުން ރާއްޖޭގެ އަންހެން ކުޅުންތެރިޔާ އައިޝަތު ފައިނާޒް ހޯދި ކާމިޔާބު ފާހަގަކޮށްލެވެއެވެ. އޭނާ ވަނީ ރާއްޖޭގެ ކެރަމް ތާރީހުގައި ފުރަތަމަ ފަހަރަށް އަންހެން ކުޅުންތެރިޔަކު ސީދާ ދެ ސެޓުން އިންޑިއާގެ ކުޅުންތެރިއެއް އަތުން މޮޅުވެފައެވެ. އޭގެ އިތުރުން ޒުވަން ކުޅުންތެރިޔާ އައިމިނަތު ސުބާ ވެސް ވަނީ އިންޑިއާގެ ކުޅުންތެރިއެއް އަތުން މޮޅުވެފައެވެ.
ވޯލްޑް ކެރަމް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށްޓަކައި އިންޑިއާއާ ދެކޮޅަށް ރާއްޖޭން ކުޅުނު ޓެސްޓް ސީރީސް މެޗުތަކުގެ ތެރެއިން: އެ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނެނީ ހަތަރު ފިރިހެން ކުޅުންތެރިންނާއި ހަތަރު އަންހެން ކުޅުންތެރިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މިހާތަނަށް އެ މުބާރާތުގައި ވާދަކުރަން ލިސްޓް ހުށަހަޅާފައިވަނީ 11 ގައުމަކުންނެވެ. އެއީ ސްވިޒަލެންޑް، އިޓަލީ، ޖަރުމަން، އިންޑިއާ، މެލޭޝިއާ، ކޮރެއާ، ޗެކް ރިޕަބްލިކް، އިނގިރޭސިވިލާތް، ސްރީލަންކާ، ޕޮލެންޑް އަދި ފްރާންސެވެ.
އަންނަ ނޮވެމްބަރު މަހު ހަތް ވަނަ ދުވަހުން ފެށިގެން 11 ގެ ނިޔަލަށް އިނގިރޭސިވިލާތުގެ ބާމިންގްހަމްގައި ކުރިއަށްގެންދާ ވޯލްޑް ކެރަމް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ލިސްޓު ފޮނުވުމަށް ހަމަޖެހިފައިވަނީ މި ފެށޭ މަހުގެ 20 ވަނަ ދުވަހު އެވެ. އެއީ މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ލިސްޓްތައް ފޮނުވާ ރަޖިސްޓަރީވުމުގެ އެންމެ ފަހު ތާރީހެވެ.